ސުރުހީގައި ބަޔާން ކުރެވިފައިވާ އިބާރާތް އާއްމުކޮށް ފެނިއްޖެ ނަމަ 13 އަހަރުން ދަށުގެ ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު އަދި ވާހަކަ ހުންނާނެ ކަން އެންމެނަށް ރަގަޅަށް އެނގެއެވެ. އަދި 13 އަހަރުން ދަށުގެ ކުދިންނަށް އެއެއްޗެއް ވާސިލް ނުވެވޭނެ ގޮތަށް ހަދާނެ ކަން ގައިމެވެ. މި ފަދަ އިބާރާތް ތައް ބޭނުން ކުރަނީ ވަރަށްވެސް ބޭނުންތެރި ސަބަބު ތަކަކަށް ޓަކައެވެ. މިގޮތުން އެކި ފާޑުފާޑު ގެ ނުފޫޒުން އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތް ކޮށް ރައްކާތެރި ކުރުމާއި ބައެއް ޒާތް ޒާތުގެ ކަންތައްތަކަށް އެ މައުސޫމް ކުދިންނަށް ބަލައިގަންނަން ދަތިވެ އެފަދަ ކަންތައްތަކުގައިވާ ރަގަޅު ނުރަގަޅު ދެނެގަންނަން ނޭންގޭނެތީ އެވެ.

އިންޓަނެޓް ސޯޝަލް ނެޓްވޯރކް ސައިޓް ތަކުގެ ހިދުމަތް ބޭނުން ކުރުމުގެ އެންމެ ހަގު އުމުރު ކަމުގައި ގިނަ ފަހަރު ބަލައި ގަންނަނީ 13 އަހަރެވެ. ދުނިޔޭގައި މަޤްބޫލް ސޯޝަލް ނެޓްވޯރކް ސައިޓް ފޭސްބުކް ގެ ހިދުމަތް ބޭނުން ކުރުމުގެ އެއްބަސް ވުމުގައިވެސް ބަޔާން ކޮށްފައި ވަނީ ފޭސްބުކް ގެ ހިދުމަތް ބޭނުން ކުރަންވާނީ 13 އަހަރުން މަތީ އުމުރުފުރައިގެ ފަރާތްތައް ކަމަށެވެ. އަދި 13 އަހަރުން ދަށުގެ އެކައުންޓް ތައް ފާހަގަ ކުރެވިއްޖެ ނަމަ ޑިސޭބަލް ކުރެވޭނެ ވާހަކަ ވެސް ލިޔެވި ބަޔާން ކުރެވިފައިވެއެވެ. ސޯޝަލް މީޑިއާ ސައިޓް ތަކުން ކުރިމަކުގައި މިހާރަށް ވުރެއް ހަރުކަށިކޮށް މިފަދަ އުސޫލްތައް ތަންފީޒް ކުރަމުން ދާނެކަމަށް ގަބޫލް ކުރެވެއެވެ.

ކަން މިހެން ހުރި ކަމުގައި ވިޔަސް ތިޔައިގެ ތެރެއިން ގިނަ ފަރާތް ތަކުގެ ފޭސްބުކް ފްރެންޑް ލިސްޓް ތެރޭގައި އެންމެ މަދުވެގެން އެކެއް ނުވަތަ 2 ކުޑަ ކުއްޖަކު ތިބޭނެ އެވެ. އާއްމު ގޮތެއްގައި ރާއްޖޭގައި މިފަދަ ހިދުމަތް ބޭނުން ކުރާ ކުޑަކުދިންގެ ނިސްބަތް މަދެކޭ ނުދެންނެވޭނެ އެވެ. 8 އަހަރާއި 13 އަހަރާއި ދެމެދު ގެ ކުދިން މިހިދުމަތް ބޭނުން ކުރާ މިންވަރު ރާއްޖޭގައި ވަރަށް ގިނަ ކަމުގައި ފާހަގަ ކުރަމެވެ. 7 އަހަރު ނުފުރޭ ކުޑަކުދިންވެސް ފޭސްބުކް ހިދުމަތް ބޭނުން ކުރަމުންދާކަން އެއީ ހިތާމަ ހުރި ކަމެކެވެ. އެއިން ކުއްޖެއްގެ ފްރެންޑް ލިސްޓް ގައި ބެލެނި ވެރިޔާ އަށް ނޭންގޭ ކިތައް މީހުން އެބަ ތިބި ތޯއެވެ. އެކުއްޖާގެ އުމުރާއި ނުގުޅެ ކިތައް ބީރައްޓެހިން އެބަތިބި ކަމަށް ފާހަގަ ކުރެވޭބާ އެވެ. އެކުދިންނާއި އެއް އުމުރެއްގެ ރަހުމަތްތެރިންނަކީ ހަގީގަތުގައިވެސް އެއުމުރުގެ ކުދިން ނުވަތަ މީހުން ބާއެވެ. އެކުދިންގެ އިންޓަނެޓް ރަހުމަތްތެރިންނަކީ ކޮންބައެއްކަން އިންގެނީ ތިޔައިގެ ތެރެއިން ކިތައް ބެލެނިވެރިންނަށް ތޯ އެވެ.

ސޯޝަލް ނެޓްވޯރކް ތައް މެދުވެރިކޮށް ބައްދަލުވާ ބީރައްޓެހިންނާއި އުފެދޭ ހާއްސަ ގުޅުމުގެ ސަބަބުން އުމުރުން ދޮށީ އެތައް ބައެއް ފަލީހަތް ވެފައިވާ ކަން އެއީ އޮޅުމެއް އޮތް ކަމެއް ނޫނެވެ. ކަން މިހެން ހުރި އިރު ރަނގަޅާއި ނުބައި ދެނެގަންނަން ދަތި ކުޑަކުދިންނަށް އެފަދަ ހާލަތް ތަކުގައި ހަރަކާތްތެރިވާނެ ގޮތާއި މެދު ވިސްނާލެވުނު ބާއެވެ؟ ދިރާސާ ތައް ދައްކާގޮތުން އިންޓަނެޓް ގެ ހިދުމަތް ބޭނުންކުރާ ޒުވާނުން ގެ ތެރޭގައި ތިންބައި ކޮށްފަ އެއްބައި މީހުން އިންޓަނެޓް އިން ބައްދަލުވާ ބީރައްޓެހިންނާއި ރަގަޅަށް ދަސް ވުމުގެ ކުރިން ހަގީގީ ދުނިޔޭގައި ބައްދަލުކޮށްފައިވެއެވެ. މިހެންކަމަށް ވާނަމަ ކުޑަކުދިން ގެ ނިސްބަތުން ކޮންމެވެސް މިންވަރެއް ބީރައްޓެހިންނާއި ހަޤީޤީ ދުނިޔޭގައި މުއާމަލާތު ކުރާނެ ކަން ގައިމެވެ. އެއީ ތިޔަ ބެލެނިވެރިޔާގެ ކުއްޖެއް ކަމުގައި ނުވުމަށް އަޒުމް ކަނޑައަޅަމާތޯ އެވެ.

އުފާވެރިކަމާއި އެކު ފާހަގަ ކޮށްލަން ބޭނުމީ ރާއްޖޭގައި ސޯޝަލް ނެޓްވޯރކް ހިދުމަތް ބޭނުން ކުރާ 13 އަހަރުން ދަށުގެ ގިނަ ކުދިންގެ ޕްރޮފައިލް ތަކުގައި ހުރީ އެކުދިންގެ ފޮޓޯ ތަކުގެ ބަދަލުގައި ކޮންމެވެސް ކާޓޫނެއް ނުވަތަ މަލެއް ނުވަތަ ޓެޑީ އެއްގެ ފޮޓޮ އެވެ. ސޯޝަލް ނެޓްވޯރކް ގެ ހިދުމަތް ބޭނުންކުރާ ބައެއް ކުޑަކުދިންގެ ޕްރޮފައިލް ތަކުގައި މަދުން ނަމަވެސް އެކުދިންގެ ފޮޓޯ އެބަ ހުއްޓެވެ. އެކުދިން ކިޔަވަންދާ ސްކޫލް އާއި ގްރޭޑް އަދި ކްލާސް އިންގެން އެބަ ހުއްޓެވެ. އެކުދިން ބައިވެރިވާ އިތުރު ހަރަކާތް ތަކުގެ މައުލޫމާތު އެބަ ހުއްޓެވެ. މިއީ ނުރަގަޅު އަތް ތަކަކާށް އަރައިފި ނަމަ ވަރަށްވެސް ނުރައްކާތެރި މައުލޫމާތު ތަކެވެ. މިހާރުން މިހާރަށް މިކަމާއި މެދު ބެލެނިވެރިން ހަރުދަނާ ފިޔަވަޅު ތަކެއް އެޅުން ވަރަށް މުހިންމެވެ.

އިންޓަނެޓް ގެ ދުނިޔޭގައި ސޯޝަލް ނެޓްވޯރކިންގ އަކީ ފޭސްބުކް، މައިސްޕޭސް، ބީބޯ އަދި ޓްވިޓަރ ފަދަ ހިދުމަތް ތައް ކަމުގައި ވިޔަސް ހަގީގީ ދިރިއުޅުމުގެ ސޯޝަލް ނެޓްވޯރކް ތައް ކަމުގައި ބެލެވޭ ޕާޓީ ތަކާއި ކުޑަކުދިންގެ ބަގީޗާ އަދި އާއިލީ ހަވީރު ތަކުގައި ވެސް ބެލެނިވެރިޔެއްގެ ބެލުމުގެ ދަށުން މެނުވީ ކުޑަ ކުދިން އާއްމުކޮށް ހަރަކާތްތެރި ވުމަށް ފުރުސަތު ނުދޭއިރު، އިންޓަނެޓް ފަދަ މާބޮޑަށް ވެސް ހުޅުވާލެވިފައިވާ ހިދުމަތް ތަކުގެ ބޭނުން ހިފުމުގައި އެކުދިންގެ ބެލެނިވެރިންގެ ނަޒަރުން ދުރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުން އެއީ އިހުމާލެއް ނޫން ތޯއެވެ؟