03 Nov 2011, 01:53
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދިތާ ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތައް ލިބި، ވަރަށް ގިނަ އަދަދެއްގެ މެންބަރުން ޕާޓީއަށް ސޮއިކޮށް އަދި 2013 ވަނަ އަހަރު ރިޔާސީ ގަނޑުވަރަށް ވަންނާނީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު، އަދި ރަޖިސްޓްރާ ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ވަރަށް ގިނަ އަދަދެއްގެ މީހުންނާ އެކު ބޭއްވީ ޕީޕީއެމްގެ ފުރަތަމަ އާއްމު ޖަލްސާގައި ޑރ.ސައުދު މިރޭ ވިދާޅުވީ ޕީޕީއެމް ރެޖިސްޓްރީ ކުރިތާ 55 ދުވަހުގެ ތެރޭގައި 13،000 މީހުންގެ ފޯމް އިލެކްޝަނަށް ފޮނުވާފައިވާ ކަމަށާއި އަދި އެ އަދަދަށް ފޯމް ފޮނުވަން ޖެހުނީ ވަރަށް މުހިންމު ސަބަބުތަކެއް ހުރުމުން ކަމަށެވެ.
"ތޭރަހާސް ފޯމް ހަމަކޮށްފައި އަޅުގަނޑުމެން ފޮނުވަން ޖެހުނީ ކޮންމެހެން އެ އަދަދު އަޅުގަނޑުމެން އަތުގައި އޮތުމަކުން ނޫން. ތޭރަ އަކީ ވަރަށް މުހިންމު އަދަދެއް ތޭރަ ހާސް ފޮނުވީ ދެ ހާސް ތޭރަ ޕީޕީއެމްގެ މެމްބަރުންނަށާއި ދިވެހި ރައްޔިތުން ނަށް ހަދާންކޮށްދެއްވުމުގެ ގޮތުން. ދެ ހާސް ތޭރަ ވަނަ އަހަރު އެއީ ޕީޕީއެމް ރިޔާސީ ގަނޑުވަރަށް ވަންނާނެ އަހަރު،" ސައުދު ވިދާޅުވި އެވެ.
ޑރ. ސައުދު އިތުރަށް ވިދާޅުވީ މި އަހަރުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ޕީޕީއެމްގެ މެމްބަރުންގެ ފޯމްގެ އަދަދު 30،000 އަށް އަރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭގައި ގައުމީ ޖަލްސާ ބޭއްވުމާ ހަމައަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު 60،000 އަށް ވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް އެ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ސިޔާސަތުތައް ފޭލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބުދްގައްޔޫމް ޕާޓިގެ އާއްމު މެމްބަރުންނަށް މަރުހަބާ ދަންނަވައި ފޮނުއްވި ހިތާބެއް މައުމޫންގެ ދަރިކަނކަބަލުން، އަދި ޕީޕީއެމް ޑެޕިއުޓީ ސްޕޯކްސްޕާސަން ދުންޔާ މައުމޫން ވަނީ އިއްވަވައިފަ އެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމް އަށް އެމްޑީޕީގެ މެމްބަރުންނާއި ބައެއް ފަންނާނުން ސޮއިކޮށްފައިވެ އެވެ.