13 Aug 2019, 09:19
އ.ދ ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތް ވެސް ބައިވެރިވެގެން ނ. ވެލިދޫގައި ވަރަށް ފޯރުގަދަކޮށް ޒުވާނުންގެ ދުވަސް ފާހަގަކޮށްފި އެވެ.
އިއްޔެ ވެލިދޫގައި ބޭއްވީ ރަސްމީ ހަރަކާތްތަކުގައި އދގެ މަންދޫބުގެ އިތުރުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އދ ގެ މަންދޫބު ޖަޔާތުމާ ރާއްޖެ މިވަޑައިގެންނެވީ މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށެވެ. އޭނާ ވަނީ ވެލިދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ވެލިދޫގެ ރައްޔިތުން ވަނީ ޖަޔާތުމާ އާއި މިނިސްޓަރު މަހުލޫފް އެރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޒުވާނުންގެ ދުވަސް ރަސްމީ ގޮތެއްްގައި ފާހަގަ ކުރުމުގެ ގޮތުން މިއަދު ނ.ވެލިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ
އެގޮތުން ވެލިދޫގެ ރައްޔިތުން ވަނީ ދިވެހިން އިހުގައި ގެންގުޅުނު އާދަކާދަތަކާއި ކުޅިވަރުތަކުގެ އިތުރުން ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދޭ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
"މިއަދަކީ ބައިނަލް އަގުވާމީ ކުޅިވަރާ ބެހޭ ދުވަސް ނަމަވެސް އިއްތިފާގުން މި ދިމާވީ އަލްހާ އީދު ދުވަހާއި ވެސް އެއްކޮށް. ސުވަރުގެއެއްގެ ފަދަ މި ރައްތަކުގައި މިފަދަ ދުވަހެއް ފާހަގަ ކުރަން ލިބުނީތީ އުފާ ކުރަން،" ޖަޔާތުމާ ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މިދިޔަ ޖޫން މަހުގެ 21 އިން 23 އަށް ޕޯޗުގަލްގެ ލިޒްބަންގައި އޮތް ވޯލްޑް ކޮންފަރަންސް އޮން މިނިސްޓާސް ރެސްޕޮންސިބަލް ފޯ ޔޫތު، އަދި ޔޫތު ފޯރަމް 2019 ގެ ހަވާސާގެ ތެރެއިން ޖަޔާތުމާއަށް ދެއްވި ދައުވަތަކާ އެކު އެކަމަނާ ރާއްޖެ ވަޑައިގެންފައިވާ އިރު، މިރޭ ސްރީލަންކާ އާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ހާއްސަ ވޮލީ މެޗު ވެސް އެކަމަނާ ބައްލަވާނެ އެވެ. ޖަޔާތުމާ އަކީ ލަންކާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ޖަޔަތުމާގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޒުވާން މެމްބަރުންނާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުންނާއި ވެސް އޭނާ ބައްދަލުކުރައްވާނެ އެވެ.
މިއީ އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއިއަކު ރާއްޖެއަށް ކުރައްވެ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.