12 Aug 2019, 21:06
އިސްލާމް އާބާދު (އޮގަސްޓް 12) : ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ ގެ ސަރުކާރުން ނިންމި ނިންމުމަކީ ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރުގެ ނާޒީ ފިކުރުން ހިތްވަރު ލިބިގެން ކުރި ކަމެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސިފަކުރައްވައިފިއެވެ.
އިމްރާންޚާން ވިދާޅުވީ އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައި ޖަންމޫ ކަޝްމީރަށް އެ ޚާއްސަ އިމްތިޔާޒްތައް ދިނީ ކަޝްމީރު ދެބައިވެގެންދިޔައިރު އިންޑިއާގެ ސިޔާދަތުގެ ދަށުގައި އޮތުމުގެ ޝަރުތެއްގެ ގޮތުންކަމަށާ އިންޑިއާއިން އެޝަރުތު އުވާލުމުން ޖަންމޫ ކަޝްމީރު ކޮންޓްރޯލް ކުރުމުގެ ގާނޫނީ ހައިޘިއްޔަތު އިންޑިއާއަށް ގެއްލިފައިވާ ކަމުގައެވެ.
އިމްރާން ޚާން ވިދާޅުވީ އިންޑިއާގައި މިހާރު ވެރިކަންކުރަނީ ބީޖޭޕީ ގެ ހިންދޫން ހައްދުފަހަނަޅާފައިވާ ނެޝަނަލިސްޓް "އާރްއެސްއެސް" ފިކުރާ އެއްގޮތަށް ކަމަށާ ބީޖޭޕީ ނިސްބަތްވާ އެ ފިކުރަނީ ހިޓްލަރުގެ ނާޒީ ފިކުރުފަދަ ނުރައްކާތެރި ފިކުރެއް ކަމުގައެވެ. އެޑޮލްފް ހިޓްލަރުގެ ނާޒީ ފިކުރު ބިނާވެފައިވަނީ އެމީހުން ނިސްބަވްރާ އާރިޔާން ދަރިކޮޅަކީ އެހެން އިންސާނުންގެ ދަރިކޮޅު ތަކަށްވުރެ މާ މަތީ ފެންވަރުގެ ދަރިކޮޅެއް ކަމުގައެވެ.
ބީޖޭޕީ ގެންގުޅޭ ހިންދޫން ހައްދުފަހަނަޅާފައިވާ ނެޝަނަލިސްޓް "އާރްއެސްއެސް" ފިކުރަކީ ވެސް ހިންދޫންނަކީ އިންޑިއާގެ އެހެން ދަރިކޮޅުތަކަށްވުރެ މާ މަތީ ދަރިކޮޅެއް ކަމުގެ ފިކުރުކަމަށާ ނަރަންދުރަ މޯދީގެ ސަރުކާރުން މަސައްކަތްކުރަނީ އެ ނުރައްކާތެރި ފިކުރު ގަދަބާރުން ޖަންމޫ ކަޝްމީރުގައި ފަތުރަން ކަމަށް އިމްރާންޚާން ވިދާޅުވިއެވެ.
ބީޖޭޕީގެ ގެންގުޅޭ "އާރްއެސްއެސް" ފިކުރަކީ ހިންދޫންގެ ހައްދުފަހަނަޅާފައިވާ ނެޝަނަލިސްޓް ޕާޓީއެއްކަމަށްވާ "ރަޝްތިޔާ ސްވަޔަމްސެވަކް ސަންހް" ގެ ފިކުރެވެ. މިއީ ނަސްލު ސާފުކުރުން ނުވަތަ އެތްނިކް ކްލޭންސިންގް ބޭނުންކޮށްގެން ކަޝްމީރުގެ އާބާދީ އެހެންގޮތަކަށް ބަދަލުކޮށްލުމުގެ ފެށުން ކަމަށް އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
1947 ވަނަ އަހަރު އިނގިރޭސީންނަށް މަޖްބޫރުވެގެން އިންޑިޔާއަށް މިނިވަންކަންދީ އަދި އިންޑިއާގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮތް ސްޓޭޓްތަކުގައި ޕާކިސްތާނުގެ ނަމުގައި އިސްލާމީ ދައުލަތެއް އުފެއްދުމާއެކު ކަޝްމީރުގެ މިލްކުވެރިކަމާމެދު އިންޑިއާއާ ޕާކިސްތާނާ ދެމެދު އަރާރުން ފެށުނެވެ. އެ އަރާރުން ފެށުނީ ކަޝްމީރާމެދު ވަކި ގޮތެއް ނިންމަން އިނގިރޭސީން ފަސްޖެހުމުންނެވެ. މި މައްސަލައިގައި އިންޑިއާއާއި ޕާކިސްތާން ވަނީ 1947 ގައާ އަދި 1965 ގައިވެސް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކޮށްފައެވެ.
ކަޝްމީރުގެ އެއްބައި (އާޒާދެ ކަޝްމީރު) ޕާކިސްތާން ކޮންޓްރޯލްކުރާއިރު ޖަންމޫ ކަޝްމީރު އިންޑިޔާގެ ދަށުގައި ބޭއްވުމުގެ ބޭނުމުގައި، އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއިން އެސަރަހައްދަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނެވެ.
އިންޑިއާއިން އެ މާއްދާ އުވާލަން ނިންމުމާއެކު ކަޝްމީރުގެ ރައްޔިތުން އެކަމާ ދެކޮޅަށް ނުކުންނާނެތީ އިންޑިއާ ސަރުކާރުންވަނީ ޖަންމޫ ކަޝްމީރުން ފޯނާއި އިންޓަނެޓްގެ ޚިދްމަތާއި ޓްރާންޕޯޓްގެ ޚިދްމަތްވެސް ކަނޑާލައި އެސަހަރައްދު އެކަހަރިކޮށް ބަންދުކޮށްފައެވެ. އަދި އިންޑިއާއިންވަނީ ކަޝްމީރުގެ ސިޔާސީ ލީޑަރުންވެސް ހައްޔަރުކޮށް ޑިމޮކްރަސީއާ ޚިލާފު އަމަލުތަކެއްވެސް އެސަރަހައްދުގައި ހިންގަން ފަށާފައެވެ. (ނޫސްއެޖެންސީތައް)