ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް އޮފް ދަ ސީސް އިން އިންވޮއިސް އޮޅުވާލައިގެން ދެ ލޯންޗެއް އެތެރެ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން 110.2 މިލިޔަން ރުފިޔާ ސަލްޓަންސް އޮފް ދަ ސީސް އިން ސަރުކާރަށް ދެއްކުމަށް ފާއިތުވި އަހަރު، ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމް، ހައި ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް، އަޒުމިރަލްދާ ޒާހިރު އަދި އަބުދުލް ޢަފޫރު އިބުރާހިމް ސޮއިކުރައްވައި މިރޭ ކުރެއްވި ހުކުމްގައި ވަނީ ކުރީގެ މަދަނީ ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެފައިވާ ކަމަށެވެ.

ސަލްޓަންސް އޮފްދަ ސީސްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމުގައި ބުނަނީ ޑިސެމްބަރު 2007، 14 ގައި ސަލްޓަންސް އޮފް ދަ ސީސް އިން ރާއްޖެ ގެނައި އުޅަނދަކާއި މާޗު 25،2008 ގައި އެ ކުންފުނިން ގެނައި އުޅަނދު ކަސްޓަމްސް އަށް ޑިކްލެއާކޮށްފައި ވަނީ އެ ދެ އުޅަނދުގެ މައުލޫމާތު އޮޅުވާލައިގެން އޭގެ އަސްލު އަގަށް ވުރެ ދަށް އަގެއް ކަސްޓަމްސް އަށް ހުށަހަޅައިގެން ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ނަމަވެސް ހައިކޯޓުން މިރޭ ކުރި ހުކުމާ ގުޅިގެން އެ ދެ އުޅަނދު ރާއްޖެ އެތެރެކޮށްފައި ވަނީ އޮޅުވައިލައިގެން ކަމަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމް ވަނީ ބާތިލްވެފަ އެވެ.