15 Jun 2010, 10:14
14:30
އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 30 ވާ ބުދަ ދުވަހަށް އެޖެންޑާކޮށްފި އެވެ.
އިތުބާރު ހުރި ގޮތަކަށް ސަންއެފްއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޖަލްސާގެ ނޯޓިސް މިއަދު ވަނީ ޑރ. މުސްތޮފާ ލުތުފީ އަށް ފޮނުއްވާފަ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި 77 މެމްބަރުން ތިއްބަވާއިރު ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުންނެވެ. އަދި ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ ސަބަބު ބަޔާންކޮށް މަދުވެގެން 10 މެމްބަރަކު މަޖިލީހަށް ހުށަހެޅުމުން ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ.
ޑރ. މުސްތޮފާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ 10 މެމްބަރުންގެ ތެރޭގައި ޑީއާރުޕީން ސޮއިކުރައްވާފައި ވަނީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަނެވެ. ޕީއޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އަދި އަމިއްލަ މެންބަރުންގެ ތެރެއިން ސޮއިކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބާއި ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސަ އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މައުހަދު އުވާލުމާއި އަރަބިއްޔާގެ މައްސަލައިގެ އިތުރުން މަތީ ސާނަވީގައި އިސްލާމާއި ދިވެހި މާއްދާ އިހުތިޔާރީ ދެ މާއްދާ އަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.