މިއަދު އޮތް ރައްޔިތުންގެ ކޮމެޓީ ޖަލްސާ އަށް ފަހު، މަޖިލީސް ކުރާގޭގެ ކުޑަދަށު ބޭރުގައި ހިނގި ޒުވާބެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ މެންބަރު އަހުމަދު ރަޝީދުގެ މޫނަށް ކުޅުޖައްސަވައި އޭނާގެ މޫނުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ފަސް ފަހަރަށް ޖެއްސެވި ކަމަށް އަހުމަދު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރަޝީދު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުސްތަފާ ކޯފާ ގަދަވެ، އޭނާގެ މޫނުގައި ޖެއްސެވީ މިއަދު އޮތް ގައުމީ ސަލާމަތުގެ ކޮމެޓީގައި އޭނާ ކަންތައް ކުރެއްވި ގޮތުން ރައްޔިތުންނަށް އެއްވެސް އެއްޗެއް ސާފުނުވާ ގޮތަށް މުސްތަފާ ސުވާލު ބޮނޑިއެއް ކުރެއްވި ކަމަށް ދެންނެވުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

ރަޝީދު ވިދާޅުވީ މުސްތަފާ އަރިހު އެ ވާހަކަ ދެންނެވުމުން އޭނާ ކޯފާ ގަދަވެ އަހުމަދު ރަޝީދު މަންމައާ ބެހި ހަޑިހުތުރު އެއްޗެތި ވިދާޅުވުމަށް ފަހު މޫނަށް ކުޅުޖެއްސެވި ކަމަށާއި އަދި މޫނުގައި ތަފާތު ފަހަރުމަތިން ފަސް ފަހަރު ޖެއްސެވި ކަމަށެވެ.

ނަމަވެސް ރަޝީދު ވިދާޅުވީ މުސްތަފާއާ މެދު އޭނާ ދައުވާ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެއީ އޭނާ ދައުވާ ކުރައްވައިގެން އެމްޑީޕީ އަށް ގޮނޑިއެއް ގެއްލެން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އަހުމަދު ރަޝީދު ވިދާޅުވީ މުސްތަފާ އޭނާގެ މޫނުގައި ޖެއްސެވުމުން ތަދުނުވާ ކަމަށާއި މޫނަށް ކުޅުޖެއްސެވުމުން "ވަރަށް ދެރަވި" ކަމަށެވެ. އަދި މުސްތަފާގެ "ބަލިހާލަތު" ހުރި ގޮތުން ދެރަވި ކަމަށެވެ.

ނަމަވެސް މުސްތަފާ މިރޭ ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ.

http://www.youtube.com/watch?v=La-dlCW5Su8