11 Aug 2019, 17:38
ހައްޖުވެރިން އަރަފާތާއި މުޒްދަލިފާގައި އަދާކުރަން ޖެހޭ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު ރޭ ފަތިހާއި މިއަދު ހެނދުނު މިނާއަށް ގޮސް އީދުކޮށް ހަދްޔު ކަތިލުމަށް ފަހު ޖަމްރާތަކަށް ހިލައުކުމުގެ ކަންތައް ކުރިޔަށް އެބަގެންދެ އެވެ.
"ހަދްޔު" އާއި "އުޟްޙިޔާ"
ހައްޖުވެރިންވެސް އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "ހަދްޔު" އެވެ. އަދި ހައްޖަށް ނުދާ މުސްލިމުން އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "އުޟްހިޔާ" އެވެ. ހަދްޔު ކަތިލުމުގެ ކަންތައް ހައްޖުވެރިންނަށް ކޮށްދޭނީ ކަމާބެހޭ ސައޫދީ އިދާރާތަކުންނެވެ.
ޖަމްރާތަކަށް ހިލަ އުކުމަށް ޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން ތިން ދުވަހު މިނާގައި މަޑުކުރާނެ އެވެ. ޖަމްރަތުލްއަގަބާއަށް ހިލައުކުމަށް ފަހު ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށައި އިހްރާމް ކަނޑާނެ އެވެ. ދެން މިނާގައި ތިބޭނީ އާދައިގެ ހެދުމުގަ އެވެ. އެއީ ޖަމްރާތަކަށް ހިލަ އުކުމަށް ޓަކައެވެ.
ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ހިލަ އުކުމަށް ޓަކައި އީދުދުވަހާ ޖެހިގެން އަންނަ ދުވަހު މިނާގައި ތިބުމަށް ފަހު މައްކާއަށް ގޮސް ތަވާފުލްއިފާޟާކޮށް ސައުކޮށް ހައްޖުގެ ކަންތައް ނިންމާނެ އެވެ. އަނެއްބައި ހައްޖުވެރިން ޖަމްރަތުލްއަގަބާއަށް ހިލައުކުމަށް ފަހު މައްކާއަށް ގޮސް ތަވާފުލްއިފާޟާކޮށްގެން އަލުން އެނބުރި މިނާއަށް އައިސް ޖަމްރާތަކަށް ހިލަ އުކުމަށް ޓަކައި ތިން ދުވަހު މިނާގައި މަޑުކުރާނެ އެވެ. އައްޔާމުއްތަޝްރީގުގެ ތިން ދުވަހު މިނާގައި ތިބޭ ހައްޖުވެރިންގެ ހައްޖުގެ އަޅުކަން ވެސް ނިމޭނީ މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުންނެވެ.

ޖަމްރާތައް ހުންނަ މިނާގެ ވާދީ
އިބްރާހީމްގެފާނަށް އިބްލީސް ފެނުމާއި ޖަމްރާތަކަށް ހިލައުކުން
ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ އިބްރާހީމްގެ ފާނަށް ތަބާވުމުގެ ގޮތުންނެވެ. އެކަލޭގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު (މީލާދީގޮތުން މީގެ ގާތްގަނޑަކަށް ހަހާސް އަހަރުކުރިން) މާތް ﷲ (ސުބްޙާނަހޫ ވަތައާލާ)ގެ އަމުރުފުޅަށް އިސްމާއީލްގެފާނު ގުރްބާން ކުރައްވަން އެކަލޭގެފާނު ގޮވައިގެން އުޅުއްވީ މިނާގައެވެ.
އިބްރާހީމްގެފާނަށް އިބްލީސް ފެނުން
މިނާގެ ފަރުބަދަތަކުގެ ވާދީ ތެރޭގައި (މިހާރު މިނާގައި ހައްޖުވެރިން ތިބުމަށް ފޭލިގެތައް ޖަހާފައިވާ ސަރަހައްދުތަކުގައި) އިސްމާއީލްގެ ފާނު ގޮވައިގެން އެކަލޭގެފާނު ގުރްބާން ކުރައްވަން ކަނޑިއެއް ހިއްޕަވައިގެން އިބްރާހީމްގެފާނު އުޅުއްވަނިކޮށް އިންސާނެއްގެ ސިފައިގައި އިބްރާހީމްގެފާނަށް އިބްލީސް ފެނިވަޑައިގަތެވެ.
އިބްލީސް އިބްރާހީމްގެ ފާނަށް ދެންނެވީ މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އަމުރުފުޅާ އެއްގޮތަށް އިސްމާއީލްގެފާނު ގުރްބާން ނުކުރެއްވުމަށެވެ. އެއީ އިސްމާއީލްގެފާނަކީ އިބްރާހީމްގެ ފާނަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިކަލުންކަމަށް ބުނެ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ)ގެ އަމުރުފުޅަށް އަމަލު ނުކުރެއްވުމަށް އިބްލީސް އިބްރާހީމްގެފާނަށް ވަސްވާސް ދޭން ފެށި އެވެ.
އިބްުލީސް ފައްސާލެއްވުން
ނަމަވެސް އެއީ ލަޢްނަތްލެއްވި އިބްލީސްކަން އިބްރާހީމްގެ ފާނަށް ކަށަވަރުވުމުން އިބްލީސް ފައްސާލެއްވުމަށް ޓަކައި ހިލަތަކެއް ހޮއްވަވައި އިބްލީސް އާ ދިމާއަށް އިބްރާހީމްގެފާނު ހިލަ އުއްކެވި އެވެ. އެއްފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައިގެންދިޔުމަށް ފަހު އަނެއްކާ ވެސް ތަންކޮޅެއް ދުރުން އިބްލީސް ފާޅުވި އެވެ. ދެން އަނެއްކާ ވެސް އިބްލީސް ފައްސާލެއްވުމަށް ޓަކައި އެހެންތަނަކަށް ހިލަ އުއްކެވިއެވެ.
އެއަށްފަހު އަނެއްކާ ވެސް ތަންކޮޅެއް ދުރުން ތިންވަނަ ފަހަރަށް ވަރަށް ބަލިކަށިގޮތަކަށް އިބްލީސް ފެނުނެވެ. ދެން އަނެއްކާ ވެސް އިބްލީސް އާ ދިމާއަށް އިބްރާހީމްގެފާނު ހިލަ އުއްކެވީ އެވެ. ތިން ވަނަ ފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައި ރައްކާވެއްޖެ އެވެ. އެއަށް ފަހު އިބްރާހީމްގެފާނު މައްކާގައި ހުންނެވިހާ ދުވަސްތަކުގައި އިބްލީސްގެ އެއްވެސް އުނދަގުލެއް ނުވާކަމަށްވެ އެވެ.
އިސްމާއީލްގެފާނު ގުރްބާން ކުރެއްވުމަށް ކުރެއްވި އަމުރުގެ ހަނދާންތައް
ދެން އިބްރާހީމްގެފާނު އިސްމާއީލްގެފާނު މާތް ﷲ އަށްޓަކައި ގުރްބާން ކުރެއްވުމަށް ޓަކައި އިސްމާއީލްގެފާނުގެ ކަރުފުޅުގައި ޚަންޖަރު ހިންގަވާލެއްވުމުން އިބްރާހީމްގެފާނަށް ފެނިވަޑައިގަތީ ކަންބަޅި ބަކަރިއެކެވެ. އިސްމާއީލްގެފާނުގެ ބަދަލުގައި އެބަކަރި ކަތިލެއްވުމަށް މާތްﷲ އިބްރާހީމްގެފާނަށް ނިދާ އިއްވެވި އެވެ.

ދެން އިބްރާހީމްގެފާނު ކަތިލެއްވީ އެބަކަށްޓެވެ. އިސްމާއީލްގެފާނަށް ކަމެއްނުވެ އެވެ. ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ، އިބްލީސް ފައްސާލުމަށް އިބްރާހީމްގެފާނު ހިކަ އުއްކެވުމުން އެކަމުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ (ސައްލައްﷲ އަލައިފި ވަސައްލަމަ) ހައްޖަތުލްވަދާއުގައި އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ހިލަ އުއްކެވުމުންނެވެ. އިބްލީސް ފެނުނު ތިންތަނަކީ ޖަމްރާތައް ހުރި ތިން ތަންތަނެވެ. އެއީ ޖަމްރަތުލްކުބްރާ އާއި ޖަމްރަތުލްވުސްތާ އާއި ޖަމްރަތުއްސުޣްރާ އެވެ. އެއީ މިނާގެ އަލްއަގަބާ ސަރަހައްދެވެ.
މިކަން ހަނދާންކުރުމުގެ ގޮތުން ހައްޖުވެރިން ވެސް އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "ހަދްޔު" އެވެ. އަދި ހައްޖަށްނުދާ އެނޫން މުސްލިމުން އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "އުޟްހިޔާ" އެވެ.