މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރަކަށް ވެފައި އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން އަންނަ ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކަނޑު ދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދެއްވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ސަމާލުވުމަށެވެ. އޭގެ އިތުރުން ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްމަށްވެސް އެމްއެންޑީއެފުން އެދެއެވެ.