މާލޭ ދެކުނު ފަރާތު ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް ލޯންޗެއްގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފި އެވެ.

އެ ލޯންޗް އަޑިއަށް ގޮސްފައި އޮއްވާ ފެނިފައިވަނީ މިއަދު ހަވީރު 17:18 އެހައިކަންހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަޑިއަށް ގޮސްފައިވާ ލޯންޗް ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އެ ލޯންޗްގެ ވެރިފަރާތް އަދި ހޯދިފައި ނުވާ ކަމަށެވެ. ފުލުހުން އަންނަނީ އެ ލޯންޗެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭ ދެކުނު ފަރާތުގެ ފަޅަކީ އާންމު ގޮތެއްގައި ސްޕީޑް ލޯންޗާއި ޑިންގީ ފަހަރު އެޅުމަށް ބޭނުންކުރާ ބަނދަރެކެވެ. އަދި ކަނޑުމަތީގެ އެކްސިޑެންޓްތަކުގައި ގެއްލުން ލިބިފައިވާ ބައެއް އުޅަނދު ފަހަރާއި ބާވެ ގިނަ ދުވަސްވެފައިވާ އުޅަނދު ފަހަރު ވެސް އެ ސަރަހައްދުގައި އަޅާފައި ހުރެއެވެ.