10 Aug 2019, 19:17
އީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނެ މިހެން ވިދާޅުވީ ބޮޑު އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، ބޮޑު އީދުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ގައުމާއި އާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަހުންނާއި އުހުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި އީދުގެ ތަހުނިޔާ ފޮނުއްވާފައިވެ އެވެ.
އޭގެއިތުރުން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.
އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމުގައި ރައީސް ސިފަކުރައްވާފައިވެ އެވެ.
އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އަދި ވިދާޅުވީ، މިފަދަ ކޮންމެ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް ކަމަށާއި އެއީ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމަށެވެ.
"ބޮޑު އީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި އީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުސޫލުތައް،" ރައީސް ވިދާޅުވެފައިވެ އެވެ.
އެކަން މުޖުތަމައުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަސްލަހަތަށް އިސްކަންދީ އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ.