ހުޅުމާލޭ ފިޔަވަތިން ފިލި ހަތް ކުއްޖަކު ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 07:10 ހާއިރު ހުޅުމާލޭ ފިޔަވަތިން ހަތް ކުއްޖަކު ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ ރިޕޯޓް ކުރުމާ ގުޅިގެން ހުޅުމާލޭ ޕޮލިސް ޓޭޝަނުން ކުރި މަސައްކަތުން އެ ކުދިންތައް ހޯދިފައިވާ ކަމަށެވެ.

އެކުދިންތައް ހޯދީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ހުރި ފެންސެއްގެ މައްޗަށް އަރައި ތިއްބާ ކަމަށާއި އެ ކުދިން މިހާރު އަނބުރާ ފިޔަވައްސަށް ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

މި ހަފްތާ ތެރޭގއި ހުޅުމާލޭ ފިޔަވަތީގައި ތިބޭ ކުދިންތަކެއް ފާރު މައްޗަށް އަރައިގެން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ފިޔަވަތިން ފިލި ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށުން އެތަނަށް އަލުން ގެންދާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ.

"އަދި ތިޔަ ފާހަގަކުރި ފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުންދާތީ މިފަދަ ހާދިސާތައް ހުއްޓުވުމަށް އަދި ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީން މިދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން. ހަމައެހެންމެ ކަމާ ގުޅުން ހުރި އިތުރު މުވައްސަސާތަކާ އެކު މަސައްކަތް ކުރަމުން." ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ސަންއަށް ވިދާޅުވެފައި ވެއެވެ.