ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ ހައިކޯޓަށް ހުށަހެޅި މައްސަލާގައި ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ހައި ކޯޓުގެ މުޅި ބެންޗު ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ދަށު ކޯޓުން ހުކުމްކުރީ އޭނާ މަގާމުގެ ނުފޫޒު އޭނާ ބޭނުން ކުރައްވައިގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަން ޝަރީއަތަށް ސާބިތުވާތީ ދޮޅު އަހަރަށް އަރުވާލުމަށެވެ.

އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ގަން ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އިސްމާއިލް އަބްދުލް ހަމީދު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާތީ ޖަލްސާތައް ހޫނުވެ 24 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޝެޑިއުލްކުރި އެއްވެސް ޖަލްސާއެއް ވަނީ ނުބޭއްވި ހުއްޓާލަންޖެހިފަ އެވެ.