ކ. އަތޮޅު މާހަލް ކައިރިން މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަރިއަޅާލައި ދޯނީގައި ހުރި މުދާތައް ކަނޑަށް ދޫވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މުދާ ބަރުކޮށްގެން ދަނިކޮށް މާހަލް ކައިރިން އަރި އަޅާލީ "ސަމޯރާ 2" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނި މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔައީ ކ. ކަގިއަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 10:30 ހާ އިރުގައެވެ.

އެމްއެންޑީއެފްއިން ބުނީ މާލެ އޭރިއާ ކޯސްޓްގާޑު ސްކުއަޑްރޮންއިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އެ ދޯނި އަރި އަޅާލުމުގެ ސަބަބުން އޭގައި ބަރުކޮށްފައިވާ މުދާތައް ކަނޑަށް ދޫވެ، އެތަކެތި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

އެ ދޯނީގައި ތިބީ ޖުމްލަ ހަތަރު މީހުންނެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.