09 Aug 2019, 20:21
އައްޑޫ ސީޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން ކަނޑަށް މިއަދު ވެއްޓުނު، އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓު އޮތީ 8.6 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދު ހަވީރު 16:30 އެހައިކަންހާއިރު ބޯޓު ވެއްޓުނީ ބޯޓުގެ އިންޖީނު ފެއިލްވެގެންނެވެ. ބޯޓު ވެއްޓުނު އިރު ބޯޓުގައި ދެ މީހުން ތިއްބެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ، ފްލައިންގް ސްކޫލުގެ އިންސްޓްރަކްޓަރެއްގެ އިތުރުން، ސ. މަރަދުއަށް ނިސްބަތްވާ އަންހެން ދަރިވަރެކެވެ.

އައްޑޫ ސިޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން ކަނޑަށް ވެއްޓުނު ބޯޓު ކައިރީގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ވެއްޓުނު ބޯޓުގައި ތިބި ދެ މީހުން ނަގާފައި ވަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި އޮތް ޑައިވިން ދޯންޏަކުންނެވެ. ދެމީހުން ވެސް މިހާރު ވަނީ ފޭދޫ ހެލްތް ސެންޓަރަށް ގެންގޮސްފަ އެވެ.
ބޯޓު ވެއްޓުނު އިރު އޭގައި ތިބި ދެ މީހުނަށް ވެސް އަނިޔާއެއް ނުލިބި ސަލާމަތްވި އެވެ. އާޒިމް ވިދާޅުވީ، އެ ބޯޓު މިހާރު އޮތީ 8.6 މީޓަރު އަޑީގައި ކަމަށެވެ. އަދި ބޯޓު އެ ސަރަހައްދުގައި އެމްއެންޑީއެފްގް ޑައިވަރުން ހަރަކާތްތެރިވަމުން އަންނައިރު ވެރިފަރާތުން އެދިއްޖެ ހިދެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.