ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކޮށްދިުނުމަށް ރަައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި އެދިވަޑައިގެންފިއެވެ.

ސިރާޖު މިރޭ "ސަން" އަށް ވިދާޅުވީ ބިޝާމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިދިނުމަށް އޭނާ އެދިވަޑައިގަތީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތަކަށް އެކަމަނާ ދެއްވި ޖަވާބުތަކުން ވެސް މަގާމުން ވަކިކުރަންޖެހޭ ސަބަބުތައް އެނގިގެން ދިޔަ ކަމަށެވެ. އެގޮތުން ޕްރޮސިކިއުޝަން ގައިޑް ލައިނާ އެއްގޮތަށް އަމަލުކުރައްވަމުން ނުދާކަމަށް ބިޝާމް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ޕްރޮސިކިއުޝަން ގައިޑްލައިންގައި އެބަބުނޭ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ރިޕޯޓު ފޮނުވަން. މިއަހަރުގެ މިހާތަނަށް އަށް މަސް ފާއިތުވެގެން ދިޔައިރު އަދި އެންމެ ރިޕޯޓެއް ވެސް ނުފޮނުވާ،" ސިރާޖު ވިދާޅުވިއެވެ.

ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހުގައި ރަހީނު ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޖުޑިޝަރީ ކޮމިޓީގައި ބިޝާމް ހެއްދެވީ އިތުރުފުޅެއް ކަމަށް ވެސް އެ ކޮމިޓީގެ ނައިބު މުގައްރިރު ސިރާޖު ވިދާޅުވިއެވެ.

"ކުރީގެ މެމްބަރު އިލްހާމްގެ އަނބިކަނބަލުން ރަހީނުކުރި ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގައި ވެސް ރިޕޯޓުކޮށްފައިވޭ. އެކަމަކު ބިޝާމް ވިދާޅުވަނީ ތިމަން ކަމަނާއަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް. އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް،" ސިރާޖު ވިދާޅުވިއެވެ.

އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައްސަލައެެއް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް އެންގުމަކީ ޕްރޮސިކިއުޓާ ޖެނެރަލް އަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ކަމަށާއި ނަމަވެސް އިލްހާމްގެ އަނބިކަނބަލުން ރަހީނުކުރިކަން އެނގިހުރެ އެމައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ބިޝާމް އަންގަވާފައި ނުވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު އެގޮތަށް ހުށަހެޅި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ މައްސަލާގައި ވަކިގޮތެއް ނުނިންމައެވެ.