އަލްހާ އީދާ ދިމާކޮށް އުޟްޙިއްޔާ ކަތިލުމަށް މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަށް ގެނެސްފައިހުރި ބަކަރިތައް ޕްލާސްޓިކް ކޮތަޅު ކާ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަނީ ބަކަރި ކޮއްޓެއްގެ ތެރޭގައި ހުރި ގިނަ ދުވަސްވެ ވީރާނަ ވާން ފަށާފައި ހުރި ކޮތަޅު ތަކެއް ބަކަރި ކާ ވީޑިއޯ އެކެވެ. އެ ކޮއްޓަކީ އިންޑަސްޓްރިއަލް ވިލެޖް ތެރޭގައި ހުރި ތިން ބަކަރި ކޮށީގެ ތެރެއިން މެދުގައި ހުރި ކޮށްޓެވެ.

އެ ކޮށީގެ ބަކަރިތައް ބަލަހައްޓަމުންދާ ފަރާތެއް 'ސަން' އަށް ބުނީ، އެ ސަރަހައްދަށް ބަކަރި ގެނައުމުގެ ކުރިން ވެސް އަދި މިހާރުވެސް ގަވާއިދުން ކާން ދޭ ކަމަށެވެ. އަދި ކޮއްޓަށް ބަކަރިތައް ވެއްދުމުގެ ކުރިން ވަރަށް ބޮޑަށް ކޮށިތައް ސާފު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ސާފުކުރި ފަހުން ވެސް ކޮންމެވެސް ވަރަކަށް ޕްލާސްޓިކް ކުނި އެޅިފައި ހުރީ. ދެން ބަކައްޓަކީ އެއްވެސް ގޮތެއް ފޮތެއް ހުންނަ އެއްޗެއް ނޫން. އޭތި ކާނެ ޖުހުނު ކޮންމެ އެއްޗެއް ވެސް،" އީދަށް ކަތިލުމަށް އިންޑަސްޓްރިއަލް ވިލެޖަށް ޖަމާކޮށްފައިވާ ބަކަރި ކޮށްޓެއްގެ މީހަކު ބުންޏެވެ.

އެ ސަރަހައްދުގައި ހުރީ ރާއްޖޭގައި ގެންގުޅޭ ބަކަރީގެ އިތުރުން އީދާ ދިމާކޮށް ކަތިލުމަށް ރާއްޖެއިން ބޭރުން ގެނެސްފައިހުރި ބަކައްޓެވެ. ބަކަރީގެ އަގުތައް ހުރީ 6000 ރުފިޔާ އާއި 7500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އީދު ނަމާދަށް ފަހު ބަކަރި ކަތިލުން އިންޑަސްޓްރިއަލް ވިލެޖްގައި އޮންނައިރު ބަކަރި ގަތް ފަރާތް ބޭނުންވާ ގޮތަށް މަސް ބެހުން ވެސް ކުރިއަށް ދާނެ ކަމަށް ކޮށިތައް ބަލަހައްޓާ މީހުން ބުންޏެވެ.

އީދު ދުވަހު ކަތިލުމަށް މޭލޭ އިންޑަސްޓްރިއަލް ވިލެޖަށް ގެނެސްފައި ހުރި ބަކަރި ---

އިންޑަސްޓްރިއަލް ވިލެޖަށް ގިނަ އަދަދެއްގެ ބަކަރިތައް ގެނެސްފައިވާ އިރު އެ އެއްޗެހި ބަލާލުމަށާއި އެއަށް ކާން ދިނުމަށް ގިނަ އަދަދެއްގެ ކުޑަ ކުދިން ގޮވައިގެން އެ ކުދިންގެ ބެލެނިވެރިން ވެސް ވަނީ ހަވީރު ގަޑީގައި ޖަމާވެފަ އެވެ.

ބަކަރިތައް ޕްލާސްޓިކް ކާ ވީޑިއޯއެއް ވައިރަލް ވެފައިވާއިރު ޕްލާސްޓިކަކީ ބަޔޯޑީގްރޭޑްވާ އެއްޗެއް ނޫނެވެ. ޕްލާސްޓިކް ނެތި ފަނާވުމަށް 1000 އަހަރު ނަގާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ކަނޑުގައި އުޅޭ އެންމެ ކުދިކުދި ޕްލެންކްޓަން އަށްވެސް ޕްލާސްޓިކް ކެވެއެވެ. ފުޑްޗޭންގެ ހުރިހާ ހިސާބަކަށް މައިކްރޯ ޕްލާސްޓިކްގެ އަސަރުކުރުމުން ކަނޑުން ހިފާ ހުރިހާ ބާވަތެއްގެ މަހުގައިވެސް ޕްލާސްޓިކުގެ ވިހަ މާއްދާތައް ކޮންމެސްވަރަކަށް ހުރެއެވެ. މަސްމަހާމެހީގެ އިތުރުން، ދޫނިސޫފާ ސޫތްޕާއި އެހެނިހެން ޖަނަވާރުތަކާއި އިންސާނުންގެ ސިއްހަތާއި ފަތުރުވެރިކަމަށް ވެސް ޕްލާސްޓިކް ޕޮލިއުޝަންގެ ނޭދެވޭ އަސަރު ކުރެއެވެ.