އދ. މަޖިލިސް (އޮގަސްޓް 9): ސީރިޔާގެ ހުޅަނގު އުތުރުގެ އިދްލިބް ޕްރޮވިންސް، އިދިކޮޅު ހަނގުޜާމަވެރިންނާއި ޓެރަރިސްޓުންގެ އަތްދަށުން މިނިވަން ކުރުމަށް ޓަކައި ސޫރިޔާ ސިފައިން ފަށާފައިޥާ އަސްކަރީ އޮޕަރޭޝަނަކީ އާންމުންގެ ފުރާނައަށް ނުރައްކާވަމުން ދާ ބިރު އޮޕަރޭޝަނެއްކަމަށް އދ. ން ސިފަކޮށްފިއެވެ.

އދ. ގެ މަސްއޫލުވެރިން ވިދާޅުވީ ސޫރިޔާ ސިފައިން އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމައިގެ ހަމަލާތައް ދެމުންގެންދާއިރު، ހަމަލާތައް ކޮންޓްރޯލުން ނެއްޓި އާންމުންނަށް އަމާޒުވެ އެތަށް ހާސްބަޔަކު މަރުވެ އެހަ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ އެތައް މިލިއަން ބައަކު ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި ސީރިޔާގެ އެތެރޭގެ ސަރަހައްދުތަކަށާ އަދި ތުރުކީއަށް ދާން ޖެހުމުގެ ބިރުވަނީ ހީވެފައެވެ.

އިދްލިބް އަކީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި ހަނގުރާމަކުރި އިދިކޮޅު ޖަމާއަތްތަކާއި އައިއެސް އާއި ޖަބްހަތުއްނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިވުމާގުޅިގެން އެޖަމާއަތްތަކުގައި ބާކީތިބި ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިންގެ އިތުރުން ސީރިޔާގެ އެހެން ސަރަހައްދުތަކުން ރެފިއުޖީންގެ ގޮތުގައި މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން ޖަމާވެފައިވާ ސޫރިއާގެ ހުޅަނގު އުތުރުގެ ޕްރޮވިންސެވެ.

ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ނުނެގެނެވި އޮތް ދެތިން ސަރަހައްދުގެ ތެރޭގައި އިދްލިބް ހިމެނެއެވެ. ސީރިޔާގެ ލީޑަރުންވަނީ ކޮންމެ އަގެއް ދައްކަން ޖެހުނުނަމަވެސް އިދްލިބް މިނިވަން ކުރާނެކަމަށް ބުނެފައެވެ. ސޫރިޔާ ސިފައިން އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ފެށުމަށްފަހު އާންމުން މަރުވަމުންދާތީ ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ފަސްދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށްފަހު ނިމުނު ހަފްތާގައި އަނެއްކާވެސްވަނީ ހަމަލާތައް ފަށާފައެވެ.

އިދްލީބްގައި މިހާރު ތިބި ތިން މިލިއަނެއްހާ މީހުންގެ ތެރެއިން، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ސީރިޔާގެ އެހެން ސަރަހައްދުތަކުގައި ހަނގުރާމަ ގަދަވެގެން އަމިއްލަ ވަޒަން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެ ޕްރޮވިންސަށް ހިޖްރަކޮށްގެން އުޅޭ ސީރިޔާގެ އާންމުންނެވެ. އަނެއްބައި މީހުންނަކީ އިދިކޮޅު ހަނގުރާމަވެރިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ހައްދު ފަހަނަޅާފައިވާ މީހުންނާއި އެމީހުންގެ އަނބިދަރިންނެވެ.

އިދްލީބްގެ ކޮންޓްރޯލް ހޯދުމަށް އެންމެ ވަރުގަދަ އޮޕަރޭޝަނެއް ލޯންޗްކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ އޮޕަރޭޝަންގައި ދިން ހަމަލާތަކާ ހިނގި ކުރިމަތިލުންތަކުގައި މަރުވި އާންމު ރައްޔިތުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރާކަމަށް ޚަބަރުތައް ބުނެއެވެ.

ޒަހަމްވީ މީހުންގެ އަދަދުވެސް އެތައް ސަތޭކައަކަށްއަރާއިރު އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)