ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ގާއިމު ކުރި ތިން ޑިއުޓީ ފްރީ ފިހާރައެއް މާލޭގެ ތިން ކުންފުންޏަކަށްދީ ހުޅުވައިފި އެވެ.

މިހާތަނަށް ހަމަ އެކަނި އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުން އަންނަ އެ އެއާޕޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޑިޕާޗާ ޓާމިނަލުން ތިން ޑިއުޓީ ފްރީ ފިހާރައެއް ކުއްޔަށްދީ ހިންގުމުގެ ހުއްދަ ދީފައި ވަނީ އެމްވީކޭ އާއި ލެކިއުޓާއި ރީފްސައިޑަށެވެ.

ފިހާރަތައް އިއްޔެ ވަނީ ހުޅުވައި ހިދުމަތްދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މީހުންނަށް ޑިއުޓީ ފުރީ ހިންގުމުގެ ހުއްދަ ދިނީ ކޮން އުސޫލަކުންތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ "އެއީ ކޮންފިޑެންޝިއަލް" މައުލޫމާތެއް ކަމަށެވެ.

ނަމަވެސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ދީދީ މިއަދު ވިދާޅުވީ ޑިއުޓީ ތިން ފިހާރަ އެ ތިން ފަރާތަށް ކުއްޔަށް ދިނީ 2007 ވަނަ އަހަރު ކަމަށެވެ. އެއިރުން ފެށިގެން ކުލި ދައްކާތޯ ދެންނެވުމުން ވިދާޅުވީ ކުލި ނުދައްކާ ކަމަށެވެ. ކުލި ނުދައްކައި އަދި ޑިއުޓީ ފްރީ ނުހުޅުވައި އޮންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން އަލުން ބީލަމަށް ނުލެއްވީ ކީއްވެތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެތަންތަން ނުހުޅުވައި އޮތީ "ފްލައިޓް އޮޕަރޭޓް ނުކުރާތީ" ކަމަށެވެ.
އެ ތަންތަން ދެއްވި ކުއްޔެއް އަދި މުއްދަތު ސާފުކުރަން ސުވާލުކުރަން ފެށުމުން އޭނާ ވިދާޅުވީ މިވަގުތަށް މައުލޫމާތު ދެއްވޭނެ ވަރަކީ އެއީ ކަމަށެވެ.