އދ. މަހިބަދޫގައި 1000 ރުށްގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ތިން މަސް ދުވަސްތެރޭގައި އެ އަދަދަށް ރުށްގަސް އިންދުމަށް އަމާޒު ހިފައި ގަސް އިންދުމުގެ ޕްރޮގްރާމް އިއްޔެ ވަނީ ފަށައިފަ އެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަލީލް ވިދާޅުވީ ރަށް ހޫނުވުމާ އެކު ރަށުގެ ބޮޑެތި މަގުތަކުގައްޔާއި ގަސް އިންދޭ ގޮތަށް ހުރި ސަރަހައްދުތަކުގައި ރުށްގަސް އިންދާނެ ކަމަށެވެ. އަދި ގަސް އިންދާއިރު ވިސްނާނީ މަގުތަކަށް ހިޔާ ލިބޭ ބޮޑެތި ގަސްތައް އިންދުމަށް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"މާދަމާއަށް ފެހިކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ އެ ޕްރޮގްރާމް ފެއްޓީ ސްކޫލު ކުދިންނާ އެކުގަ އެވެ. އަދި އިއްޔެ ވަނީ 120 ރުށް ރަށުގައި އިންދައިފަ އެވެ.

1000 ރުށްގަސް އިންދުމަށް މަހިބަދޫ ކައުންސިލުން ވަނީ އަމާޒު ހިފާފައި---- ފޮޓޯ/ މަހިބަދޫ ކައުންސިލް

"މަގްސަދަކީ ރުކުގެ އާ ޖީލެއް އުފެއްދުން. މިހާރު ގިނައިން ހުންނަނީ ކުރީގައި އިންދާފައި ހުރި ރުށްގަސް. ބޭނުން ވަނީ އާ ޖީލެއް ރުށްތަކުގެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ތިން މަސް ދުވަސްތެރޭ 1000 ރުށްގަސް އިންދޭނެ ކަމުގެ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ ރުށްގަހަށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދީފައި ވަނީ އދ. ދިގުރަށުން ކަމަށާއި އަތޮޅުތެރެއިން ވެސް އެކަމަށް ވަރަށް ބޮޑު އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އއ. އަތޮޅުން ވެސް ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުންދޭ ކަމަށެވެ.

ރުށްގަސް ޕްރޮގްރާމް ފެށުމަށް ސްކޫލު ދަރިވަރުން ރުށް އިންދަނީ--- ފޮޓޯ/ މަހިބަދޫ ކައުންސިލް

"އެކި ރަށްތަކުން މިހާރު ވެސް ދަނީ ރުށްގަސް ހަދިޔާކުރަމުން،"

އެ ޕްރޮގްރާމަކީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނާއި ސަރުކާރު ކުންފުނިތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.