02 Nov 2011, 17:21
މައްކަތުލްމުކައްރަމާ (ނޮވެމްބަރ 2) : މިއަހަރުގެ ޙައްޖު މޫސުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެކަން ސަޢޫދީ ވަލީއުލްޢަހްދު އަދި ދާޚިލީ ވަޒީރު ނާއިފް ބިންޢަބްދުލްޢަޒީޒް އިޢްލާންކުރައްވައިފިއެވެ.
މައްކާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނާއިފް ވިދާޅުވީ ހައްޖުވެރިންގެ އަމްނާއި ސަލާމަތަށްޓަކައި އެކުލަވާލާފައިވާ ސަލާމަތީ ބާރުތަކާއި މަދަނީ ދިފާޢީ ބާރުތައްވެސް މިއަހަރުގެ ޙައްޖު މޫސުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށާއި ހުރިހާ ހައްޖުވެރިންނަށް ފަރުދީ ފެންވަރުގައާއި ޖަމާޢީ ފެންވަރުގައި ރައްކާތެރިކަން ދިނުމުގެ ޤާބިލްކަން އެފަރާތްތަކަށް ލިބިގެންވާނެ ކަމުގައެވެ. ނަމަވެސް ޣައިބަކީ ނޭންގޭ ކަމެއް ކަމަށާއި އިންސާނުންތައްއޮތީ ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވެގެން ތިބުން ކަމަށް ނާއިފް ވިދާޅުވިއެވެ.
ސަޢޫދީ ސަރުކާރުން ބުނިގޮތުގައި މިއަދާ ހަމައަށް 1.9 މިލިޔަން މީހުންވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެޤައުމަށް އައިސްފައެވެ. އަދި ކުރިޔަށްއޮތް ދެތިން ދުވަހުވެސް ފަސްލައްކައެއްހާމީހުން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ސައޫދީ ރައްޔިތުންނާއެކު 3 މިލިޔަނަށްވުރެ ގިނަމީހުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއާއި މަދީނާގެ މުޤައްދަސް ބިންތަކަށް ޖަމާވާނެ ކަމަށް ސަޢޫދީ ދާޚިލީ ވުޒާރާއިން ލަފާކުރެއެވެ. އާންމު ގޮތެއްގައި ސަޢޫދީ އަރަބިޔާގެ އެތެރެއިން 3 ލައްކައެއްހާ މީހުން ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މުޤައްދަސް ބިންތަކަށް ޖަމާވެއެވެ.
ކުރީފަހަރުތަކަށްވުރެ މާބޮޑަށް މިއަހަރު ޙައްޖުވެރިންގެ ޚިދްމަތުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާކަމަށް ސަޢޫދީ މަސްއޫލުވެރިން ވިދާޅުވެއެވެ. މިނާއާއި ޢަރަފާތާދެމެދު ކަރަންޓް ރޭލްގެ ޚިދްމަތްވެސް މިހާރުވަނީ ދޭންފަށާފައެވެ. ޢަރަފާތުން މުޒްދަލިފާއަށްވެސް މިރޭލް ދަތުރުކުރާނެއެވެ. އެހެންކަމުން ބަސްތަކުގައި ދަތުރުކުރުމުގެ ދަތިތަކުން ހައްޖުވެރިން ސަލާމަތްވާނެ ކަމަށާއި މި ރޭލުން މިނާއިން ޢަރަފާތަށް 15 މިނިއްޓު ތެރޭގައި ދެވޭއިރު ޢަރަފާތުން މުޒްދަލިފާއަށް 7 މިނިއްޓު ތެރޭގައި ދެވޭނެ ކަމަށް ސައޫދީ މީޑިޔާ ބުނެއެވެ.
އަލިފާން ނިއްވުމުގެވެސް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ނިޒާމްތައް މުޤައްދަސް ބިންތަކާއި ހަރަމްފުޅުގެ ގެތޭގައާއި ޙަރަމްފުޅުގެ ވަށައިގެން ކުރިޔަށްވުރެ މާފުރިހަމަށް ޤާއިމް ކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ.މީގެއިތުރުން ޙައްޖުގެ މަޝްޢަރުތައް ޓީވީ ނެޓްވާކްތަކުން ނާއި އިންޓަރނެޓް މެދުވެރިކޮށް ދުރަށް ދެއްކުމަށްޓަކައި ތާމަލް ކެމެރާތައް ހަރުކުރެވިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)