09 Aug 2019, 10:24
ރާއްޖޭގެ ސްކޫލްތަކުގައި ތަމްރީން ނެތް 634 ރިލީފް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި މިހާރު ކިޔަވައިދެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ބޭރު ޓީޗަރުން ގިނަ އަދަދަކަށް ގެނައުމަށް ނިންމައިފައެވެ. މީގެ ކުރިން ޕްރައިމަރީ ސްކޫލުތަކުގައި ގިނައިން ކިޔަވައިދެމުން ދިޔައީ ދިވެހި ޓީޗަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިނިސްޓްރީންވެސް ބޮޑަށް ބޭނުންވަނީ ދިވެހި ޓީޗަރުން ކަމަށެވެ. އެހެން ނަމަވެސް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބޭނަމަ ޓްރައިންވެފައި ތިބި ޓީޗަރުން ބޭނުންވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވާންވީ ގޮތަކީ ސަކްސެސިވް ޕްލޭންއެއް އޮންނަންވާނެ ޓީޗަރުން ތަމްރީނު ކުރުމާއި ޓީޗަރުން ހޯދުމަށްޓަކައި. އެކަމަކު އެފަދަ ޕްލޭންއެއްް ނެތިއްޔާ އަޅުގަނޑުމެން މިހާރު އޮތް ނީޑަށް ކޭޓާ ކުރަން ކޮންމެވެސް ކަމެއް އެބަކުރަން ޖެހޭ. މިހާރު އަޅުގަނޑުމެންގެ ހުރިހާ ސްކޫލުތަކަށް ބަލާލާއިރު 634 އަންޓްރެއިންޑް ރިލީފް ޓީޗަރުން ސްކޫލުތަކުގެ ޕްރައިމަރީ ގްޜޭޑްސްތަކުގައި އެބަތިބި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ތަމްރީނު ނެތް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި ތިބުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ޕްރައިމަރީ ގްރޭޑްތަކަކީ ދަރިވަރުން ކިޔަވަން ފަށާ ސްޓޭޖްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސްޓޭޖްގައި ތަމްރީނު ނެތް ޓީޗަރުން ކިޔަވައިދޭނަމަ ދަރިވަރުން ކިޔެވުން މަތިން ފޫހިވެސް ވެދާނެ ކަަމަށެވެ.
"މުދައްރިސަކަށް ވެވޭނީ ވަކި ކަހަލަ ތަމްރީންތަކަކާއެކު. އެހެންވީމާ އެގޮތަށް ބަލާފަ އަޅުގަނޑުމެންނަށް ފެނުނީ ރަނގަޅޭ ޓްރެއިންޑް ޓީޗާސް އަންޓްރެއިންޑް ޓީޗާސްއަށްވުރެ. އެގޮތުގެ މަތިން މިހާރު އޮތް ނީޑްއަށް ކޭޓާ ކުރަންވެގެން އަޅުގަނޑުމެން އިއުލާންކުރީ. " މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަނގަޅު ފެންވަރު ޓީޗަރުން ތަމްރީނު ކުރަން ތިން އަހަރު ބޭނުންވާ ކަމަށާއި ބްލޮކް މޯޑަށް ޓީޗަރުން ތަމްރީންކޮށްގެން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަަމަށެވެ.