ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ކަމަށް ދަށު ކޯޓުން ހުކުމް ކުރި ފަސް ލައްކަ ރުފިޔާގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މިއަދު ހުކުމްކޮށްފި އެވެ.

ސިވިލްކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ޑީއާރުޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފް އަދި އަޒްމިރާލްދާ ޒާހިރު ސޮއިކުރައްވައި މިއަދު ނެރުނު ހުކުމުގައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމަކީ ގާނޫނީ އުސޫލުތަކާ އެއްގޮތަށްކޮށްފައިވާ ހުކެއް ކަމަށެވެ.

ސިވިލް ކޯޓުން ޑީއާރުޕީގެ މައްޗަށް ކުރި ހުކުމްގައި ވަނީ އައިލެންޑް އޭވިއޭޝަނަށް އެ ޕާޓީން ދައްކަންޖެހޭ 510497.28ރ. އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެ ޕާޓީގެ މައްޗަށް އަމުރުކުރާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ޑީއާރުޕީގެ މައްޗަށް ސިވިލްކޯޓުގައި ދައުވާކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭ އެ ޕާޓީން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ވެވުނު އެއްބަސްމުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އެވެ.
ޑީއާރުޕީ އާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު ފެބުރުއަރީ 12، 2009 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގައި ވަނީ އެޕާޓީން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.