ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ދައުވާ ކުރި މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް ޕީޖީގެ ފަރާތުން އެދިފައި ނުވާކަން ހާމަވެއްޖެއެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށް، ރިލްވާން ގެއްލުވާލި މައްސަލައިގެ ހުކުމް އިސްތިއުނާފު ކޮށްފައިވާނެތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބިޝާމް ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ދުވަހުގެ ކޮމިޓީގައި ޕީޖީ ބިޝާމް ދޮގު ހައްދަވާފައިވާކަން ހައި ކޯޓުން ރިލްވާންގެ އާއިލާއަށް ފޮނުވި ސިޓީއަކުން ވަނީ ހާމަވެފައެވެ.

ހައި ކޯޓުން ރިލްވާނުގެ އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ހުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް ޕީޖީގެ ފަރާތުން އެދިފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ.

"އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދައުލަތުގެ ފަރާތުން މި ކޯޓަށް ހުށަހަޅައިފައިވާކަން މި ކޯޓުގެ ރެކޯޑުތަކުން ފެންނަން ނެތް ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައިވެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު ޕީޖީ އޮފީހުން ވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީ އޮފީހުން އޭރު ބުނީ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ލިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައި ވާނެ ކަމަށާއި އެ ލިޔުންތައް ލިބުނުހާ އަވަހަކަށް ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

ރިލްވާން ގެއްލިގެން ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު ފަސް އަހަރު ވެފައިވާއިރު، އަދިވެސް ފުލުހުންނަށް ރިލްވާންއަށް ވީ ގޮތެއް ބުނެނުދެވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވެސް މިހާރު ރިލްވާނުގެ މައްސަލަ ބަލަމުން އަންނަ އިރު، ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވަނީ ވިދާޅުވެފައެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.