08 Aug 2019, 22:06
ދަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް)ގެ ނެޝަނަލް ސެންޓްރަލް ބިއުރޯ އާއި ކަސްޓަމްސް އާ ދެމެދު މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވެ އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާނެވެ. އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ދިވެހިރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަޕޯލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމުކުރުމެވެ.
މީގެ ސަބަަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، އިންޓަޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާ އެކު މައުލޫމާތު ބަދަަލުކުރެވިގެން ދާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެ އެވެ.
ހަމަ އެއާ އެކު ރާއްޖޭގެ ގާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމާއި ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މަސްތުވާތަކެއްޗާއި އަދި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.