އައްޑޫގައި މި މަހު ފަށާ 17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި މިއަދު ކުޅުނު މެޗް ފާކިސްތާނުން ކާމިޔާބު ކޮށްފި އެވެ.

ޕާކިސްތާން މިމެޗް ކާމިޔާބު ކުރީ ސިޔާސީ މައިދާނާއި ކުޅިވަރުގެ މައިދާނުގައި ވެސް ވާދަވެރިކަން ބޮޑު އިންޑިޔާއާ ވާދަކޮށެވެ.

މިމެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނު ނިއްމީ ކުޅެން ނުކުންނާށެވެ. ޕާކިސްތާނުން ކުޅެން ނުކުމެ 20 އޯވަރު، 9 ވިކެޓަށް 274 ލަނޑު ހަދާފައިވެ އެވެ. ޕާކިސްތާނު ޓީމުން އެންމެ ރަނގަޅަށް ކުޅެފައި ވަނީ 32 ބޯޅައިން 85 ލަނޑު ހެދި އަވާއިސް ޒިއާ އެވެ. މެޗު މޭން އޮފް ދި މެޗަކަށް ހޮވުނީވެސް އޭނާ އެވެ. ފުރަތަމަ އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރ، 64 ލަނޑަށް 4 ވިކެޓް ނެގި އިންޑިއާގެ އަނިސް ޑީވީ އެވެ.

ޖަވާބުގައި ކުޅެން ނުކުމެ 18.3 އޯވަރަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން އިންޑިއާ އަށް ހެދުނީ 125 ލަނޑެވެ. އިންޑިއާ ޓީމުން އެންމެ ގިނަ ލަނޑު ހަދާފައި ވަނީ 11 ބޯޅައިން 18 ލަނޑު ހެދި މަންޖުނާތު އެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކާފައިވަނީ 3.3 އޯވަރު، 20 ލަނޑަށް 3 ވިކެޓް ނެގި މުޙައްމަދު ތަލްހާ އެވެ.

ސާކް ގައުމުތަކުގެ 25 އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ވާދަކުރާ ޕާކިސްތާނު ޓީމުގައި ގައުމީ ސީނިޔަރ ޓީމުގެ ތިން ކުޅުންތެރިން ހިމެނެއެވެ.