15 Jun 2010, 10:02
14:30
މިއަހަރު އިންޑިޔާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައި އެ ރިލޭގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފި އެވެ.
މި ރިލޭގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި، ކުޅިވަރުގެ ދާއިރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރިލޭ އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކޮމަންވެލްތް ގޭމްސްއަކީ، ވަކި ބާވަތެއްގެ ތާރީޚެއް ޙިއްޞާ ކޮށްފައިވާ ޤައުމުތައް ޝާމިލްވާ އަދި އެއް ޤައުމު އަނެއް ޤައުމާ ދެމެދުގައި އޮންނަ ތިމާގެކަން އެހެން މުބާރާތްތަކަށްވުރެ ބޮޑުވެގެންދާ މުބާރާތެއް ކަމުގައި ވިދާޅުވި އެވެ.
މިއަހަރުގެ ކޮމަންވެލް ގޭމްސް ދިއްލީގައި ބޭއްވޭއިރު، ދުނިޔޭގެ ބޮޑު ސިޓީއެއްގެ ގޮތުގައި ދިއްލީ ތަޢާރުފުވަމުން އަންނަކަން ފާހަގަކުރައްވަމުން، މި އަހަރުގެ ގޭމްސް ދިއްލީގައި މި ބޭއްވޭ ވަގުތަކީ، ރާއްޖޭގެ އެތްލީޓުންނާއި ރާއްޖޭގެ ރައްޔިތުންގެ ނަޒަރު އެކަމަށް ހުއްޓިގެންދާނެ ވަގުތު ކޮޅަކަށްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ކުޅިވަރުގައި ޢާންމު ގޮތެއްގައި، މޮޅުވުމަށް ވުރެ މުހިންމީ ބައިވެރިވުން ކަމުގައި ވިޔަސް އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ރަނގަޅަށް ކޮށް، އެއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ، އަމާޒެއް ކަމަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ 2009 ގެ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގެ ބަކިންގހަމް ޕެލަސްއިންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 70 ޤައުމަށް މި ބެޓަން ގެންގޮސް 240 ދުވަހުގެ ތެރޭގައި އެއްލައްކަ ހަތްދިހަ ހާސް ކިލޯމީޓަރ ކަޑައްތު ކުރާނެ އެވެ. ކްއީންސް ބެޓަންގެ ރިލޭ ނިމިގެންދާނީ، މިއަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު، ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި 19 ވަނަ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، މި ބެޓަންއާއެކު ހިމެނިފައިވާ އިނގިރޭސި ރާނީގެ މެސެޖް އިއްވުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ބެޓަންގެ ދަތުރުން، ކޮމަންވެލްތް ޤައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ޤައުމުތަކުގެ މެދުގައި ޙިއްޞާ ކުރާ އުޞޫލުތަކާއި ހަމަތައް ރަމްޒުކޮށްދެ އެވެ. އަދި އިނގިރޭސި ރާނީ ކްއީން އެލިޒަބަތް ދެވަނަ އެތްލީޓުންނަށް ދެއްވާ މެސެޖް އެތްލީޓުންނަށް ގެންގޮސްދެ އެވެ.