އެލްޖީއޭގެ ބޯޑުގެ އަޣްލަބިއްޔަތު ނުލިބި ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމައި އެ ނިންމުންތަކަށް އަމަލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފިއެވެ.

އެހެން ބުނެފައި ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލަރުން ސަސްޕެންޑް ކުރުމުގަޔާއި ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރުމުންދާ އުސޫލުތަކާ މިންގަނޑުތައް ލާމަރުކަޒީ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

އިއްޔެ މަޖިލީހަށް ރިޕޯޓު ހުށަހަޅުއްވައި ދެއްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެލްޖީއޭ އިން ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ހަމައެއް އަދި އުސޫލެއް ވެސް ނުގެންގުޅޭ ކަމުގެ ޝަކުވާ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ހުސްވި ޖޫން މަހުގެ 24 ވަނަ ދުވަހު، އެލްޖީއޭ އިން މިކަމުގައި ގެންގުޅޭ އުސޫލާއި އެބޭފުޅުން ފާސްކޮށްފައިވާ ފާސްކުރުންތަކެއް ހުރި ނަމަ އެކަންކަމުގެ މައުލޫމާތު ހޯދުމަށް ކޮމިޓީ އިން ލިޔުމުން އެދިފައިވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރިޕޯޓު އެކުލަވާލާފައި ވަނީ އެލްޖީއޭ އިން ކޮމިޓީއަށް ފޮނުވި އުސޫލުތަކާއި، ސާކިއުލާތަކުގެ އިތުރުން، އެލްޖީއޭގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށްފަހު އެވެ.

ނިޔާޒް ވިދާޅުވީ އެލްޖީއޭ އިން ކޮމިޓީއަށް ފޮނުވި އުސޫލުތަކާއި، ސާކިއުލާތަކާއި ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމަށް ބާއްވާފައިވާ އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ދިރާސާ ކުރުމަށްފަހު ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލަރުން ސަސްޕެންޑު ކުރުމުގައި އެލްޖީއޭ އިން އަމަލުކޮށްފައި ވަނީ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ބޭރުން ކަމަށާއި، އުސޫލުތަކާ ސާކިއުލާތައް ހަދާފައި ވަނީ ގާނޫނުން ލިބިދީފައި ނުވާ ބާރު ބޭނުންކޮށްގެން، ވަކި ހާދިސާ އަކާއި ނުވަތަ ވަކި ކަމަކާ ގުޅިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށް ފާހަގަ ވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި ބައެއް ކައުންސިލްތައް އެއްކޮށް ސަސްޕެންޑް ކޮށް، ބައެއް ކައުންސިލްތަކުގެ ކޯރަމް ހަމަނުވާ ވަރަށް މެމްބަރުން ސަސްޕެންޑު ކޮށްފައިވާ ކަމާއި ކައުންސިލްތައް ހިންގުމަށް އެލްޖީއޭ އިން ގާނޫނާ ހިލާފަށް މީހުން އައްޔަން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން އެލްޖީއޭގެ ބޯޑުގެ އަޤްލަބިއްޔަތު ނުލިބި ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމައި އެ ނިންމުންތަކަށް އަމަލުކޮށްފައިވާ ކަމާއި ކައުންސިލަރުން ސަސްޕެންޑު ކުރަން ނިންމާފައި ހުރި ބައެއް ނިންމުންތަކުގައި ބޯޑުގެ އެއްވެސް މެމްބަރަކު ސޮއި ކޮށްފައި ނުވާކަމަށް ވެސް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

އެލްޖީއޭ ބޯޑުގެ ބައްދަލުވުންތަކުގައި ކޯރަމް ހަމަނުކޮށް ބޯޑުގެ ނިންމުންތައް ނިންމާފައިވާ ކަމާއި އެގޮތުން ބައެއް ޖަލްސާތަކުގައި އެންމެ ދެ މެމްބަރުން ބައިވެރިވެގެން ނިންމުންތައް ނިންމާފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

"ސުވާލު ކުރުމުން އެލްޖީއޭ އިން މި ބުނަނީ ތިމަންނާ މެން އެކަން ކުރީ ގާނޫނީ ލަފާ ހޯދައިގެން ކަމަށް. އެކަމަކު ގާނޫނުގައި ނެތް ކަމެއް ކުރަން، ގާނޫނީ ލަފައެއް އެއްވެސް ބޭފުޅަކަށް ނުދެވޭނެ،" ނިޔާޒް ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބައެއް މައްސަލަތައް ސީދާ އޭރުގެ ހޯމް މިނިސްޓަރު އެޖެންޑާ ކުރައްވާފައިވާ ކަމާއި، އެކަން އެހެން ކުރައްވާފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަން ފާހަގަވި ކަމަށެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުން ހައްޔަރު ކުރެވުނު ކައުންސިލަރުން އެލްޖީއޭގެ އަމިއްލަ އިސް ނެގުމަށް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި މައިގަނޑު ގޮތެއްގައި ސަސްޕެންޑް ކުރެވިފައި ވަނީ އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"18 މެއި 2014 އިން 21 ޖޫން 2018 ގެ ނިޔަލަށް ޖުމްލަ 106 ފަހަރެއްގެ މަތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަމާއި މިއީ ރާއްޖޭގެ ކައުންސިލަރުންގެ ނިސްބަތުން ބޮޑު އަދަދެއް ކަން ފާހަގަ ކުރަން،" ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ނިޔާޒް ވިދާޅުވިއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ހުރި ކަންކަން:

1. އެލްޖީއޭ އިން ވާދަވެރި ސިޔާސީ ނިޒާމް ނައްތާލަން މަސައްކަތް ކޮށްފައިވޭ

2. ކައުންސިލަރުންނަކީ އެލްޖީއޭގެ ބެލުމުގެ ދަށުގައި ތިބޭ، އެލްޖީއޭ އިން އަންގާ ގޮތަކަށް އަމަލުކުރަން ތިބޭ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްފައިވޭ

3. ސިޔާސީ ވަކި ހަރަކާތްތަކާ ގުޅިގެން އެކަމަށް ޓާގެޓް ކޮށް ވަގުތުން އުސޫލު ފާސްކޮށް އެ އުސޫލުގެ ދަށުން ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާފައިވޭ

4. ކައުންސިލްތަކުގެ ޕާފޯމަންސަށް ވަނަ ދީ، ސިޔާސީ ގޮތުން އެލްޖީއޭ އާ ހިޔާލު ތަފާތުވާ ކައުންސިލްތައް ދަށް ކޮށްލާ ގޮތަށް އަމަލު ކޮށްފައިވޭ

5. ކައުންސިލަރުންނާ މެދު ޝަކުވާ ހުށަހެޅި ފަރާތެއް އެނގެން ނެތް ކަމާއިކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އެލްޖީއޭގެ ފަރާތުން ކަން ހިނގައި ދިޔަ ގޮތް ތަހުގީގުކޮށް، ކައުންސިލަރުންނާ ސުވާލުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަން

6. ސަސްޕެންޑު ކުރެވުނު އެއްވެސް ކައުންސިލަރެއްގެ މައްސަލައިގެ ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ބޯޑުގައި މަޝްވަރާކޮށްފައިވާކަން ޔައުމިއްޔާ އިން އެނގެން ނެތް

7. އެލްޖީއޭ އިން ބައެއް ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ވާއިރު އެއީ އެލްޖީއޭގެ މެންޑޭޓާ ހިލާފު ކަމެއް

8. ރާއްޖެއިން ބޭރަށް ދިއުމަށް ކައުންސިލަރުންނަށް ލިބޭ ފުރުސަތުތައް އެލްޖީއޭގެ ފަރާތުން ކައުންސިލްތަކަށް ދިނުމުގައި ވަކި އުސޫލެއް ކަނޑައެޅިފައި ނުވާކަން

9. ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހޯދައިދިނުމުގައި އެކަށީގެންވާ ގޮތުގައި މަސައްކަތް ކޮށްފައި ނުވުމާއި އޭގެ ބަދަލުގައި ކައުންސިލްތަކަށް ފިޔަވަޅު އެޅުމުގައި މަޝްއޫލުވެފައި ވާކަން ފާހަގަ ކުރެވިފައިވޭ

10. ކައުންސިލްތަކުގެ މަސްލަހަތުގެ ބަދަލުގައި ސަރުކާރުގެ މަސްލަހަތު އިސްކަން ދީގެން އެލްޖީއޭ އިން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ

މިކަހަލަ ގިނަ މައްސަލަތަކެއް ފާހަގަވުމުގެ ސަބަބުން އެލްޖީއޭ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލާމަރުކަރީ ކޮމިޓީން ވަނީ ނިންމައިފައެވެ.

އެގޮތުން ކައުންސިލަރުން ޒިންމާދާރު ކުރުމަކީ، ލާމަރުކަޒީ އުސޫލުގެ ތެރެއިން ގެންނަން ޖެހޭ ކަމެއް ކަމަށާއި އެކަން ތަފްސީލުކޮށް އެ ގާނޫނުގައި ބަޔާން ކުރަން ޖެހޭކަން ކޮމިޓީން ނިންމި ކަމަށެވެ. އަދި އެލްޖީއޭގައި ކައުންސިލަރުންގެ ދައުރު ހިމެނޭ ގޮތަށް އެލްޖީއޭގެ ބޯޑު އެކުލަވާލަން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އެލްޖީއޭ ބޯޑުގައި މެމްބަރުން އެކުލެވިގެންވާ ގޮތް، ކައުންސިލަރުންގެ ދައުރު ހިމެނޭ ގޮތަށް ހިމެނޭ މިހާރު އޮތް އެލްޖީއޭގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށް އަޅުގަނޑުގެމެން ނިންމާފައިވޭ، އަދި އެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދެން، " ކޮމިޓީ ރިޕޯޓު މަޖިލީހާ ހިއްސާ ކުރަމުން ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، އެންމެ ފުރަތަމަ ލާމަރުކަޒީ ގާނޫނު އުފެދިގެން އައި އިރު، ކައުންސިލަރުންގެ ދައުރު އެލްޖީއޭގެ ބޯޑުގައި ހިމެނޭ ކަމަށާއި ނަމަވެސް ފަހުން ގެނައި އިސްލާހުތަކާއެކު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން ތަކެއްގެ ތެރެއިން އެލްޖީއޭއަށް މެމްބަރުން ހޮވާފައިވާކަމަށެވެ.