ގައުމީ ދިފާއީ ބާރުގެ އިސް ތަރުޖަމާނު އިބްރާހިމް އާޒިމް މޭޖަރ އެއްގެ ރޭންކަށް ޕްރޮމޯޓް ކޮށްފި އެވެ.

ބަންޑާރަ ކޮށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އާޒިމްގެ އިތުރުން އެހެން ގިނަ އޮފިސަރުންނަށް ވެސް ވަނީ މަގާމުގެ ކުރިއެރުންދީފަ އެވެ.

އާޒިމް އެންމެ ފަހުން ހުރީ ކެޕްޓަނެއްގެ ރޭންކުގައެވެ. އެމްއެންޑީއެފްގެ ޚަބަރާއި މައުލޫމާތު ހިއްސާ ކުރުމުގައި އާޒިމް އަކީ މީޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

އެމްއެންޑީއެފްގެ ގިނަ އޮފިސަރުންތަކަކަށް މަގާމުގެ ކުރިއެރުން ދީފައިވާއިރު، ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޕްރޮމޯޝަނާއި ކުލަ ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް އަސްކަރިއްޔާގެ ޗީފް ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިޔާ މަންސޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.