ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް މި މަހުގެ 30 އަދި 31 ގައި ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންގްރެސް ކުރިއަށްދާނީ ހުޅުމާލެ ހުރަވީ ސުކޫލުގައި ކަމަށެވެ.

ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ އަސާސީ ގަވާއިދު ފާސްކުރުމާއި އާ ލޯގޯ ފާސްކުރުމާއި، ކުރިޔަށް އޮތް ތިން އަހަރުގެ ތަސައްވުރު އެކުލަވާލުމާއި އަދި ނިމިދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓް އިއްވުން ވަނީ އެޖެންޑާ ކުރެވިފައެވެ.

މި ކޮންގްރެސްގައި ކޮންގްރެސްމަނުންގެ ހައިސިއްޔަތުން ބައިވެރިވާނެ ފަރާތްތަކަކީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި ތިބި މިނިސްޓަރުންނާއި ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުންގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުން، ކޮންމެ ދާއިރާއެއްގެ ފޯކަލް ޕޮއިންޓް އަދި ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެފައިވާ މެމްބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ އިތުރުން މި މަހުގެ 20 ހަމައަށް ޕާޓިގައި ދަފްތަރު ކުރެވިފައިވާ ޒުވާނުންގެ ގޮފިތަކުގެ ރައީސް އަދި ނައިބު ރައީސުންނެވެ.

ކޮންގްރެސްގައި ބައިވެރިވާނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކުން ކަމަށް އެމްޑީޕީ އިން ބުނެއެވެ.

އޭގެ އިތުރުން އެމްޑީޕީ ޒުވާނުންގެ ކޮންގްރެސް ވެގެންދާނީ ދިވެހި ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެންމެ ގިނަ ޒުވާނުން އެއްތަނަކުން ބައްދަލުވެ ބަސްބުނުމުގެ ބާރުލިބޭނެ ފުރުސަތުކަމަށާއި އެހެންކަމުން ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ޒުވާނުންގެ ކޮންފަރެންސްގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ކޮންފެރެންސެއް ވެސް މި މަހު ބާއްވަން އެ ޕާޓީ އިން ވަނީ ނިންމައިފައެވެ.

އެމްޑީޕީ އިން ބުނީ ކައުންސިލަރުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.