02 Nov 2011, 15:59
ހަ ވަނަ އައިސީއެފް ކެރަމް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ކެރަމް ޓީމް އަންނަ ހަފްތާގެ އަންގާރަ ދުވަހު މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ކެރެމް އެސޯސިއޭޝަނުން ބުނެފި އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މިމަހުގެ 9 އިން 13 އޮންނަ މި މުބާރާތަގުގައި ރާއްޖެ އިން ވާދަކުރާ ފިރިހެން ޓީމުގައި ހަތަރު ކުޅުންތެރިން ހިމެނޭ އިރު، އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނެވެ.
ފިރިހެން ޓީމުގައި ހިމެނެނީ ހުސެއިން ނީޝާމް، ހަސަން ނާޒިމް، ޝާފީ މުހައްމަދު އަދި އަހްމަދު ހާމިދެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ފައިނާޒް، އައިމިނަތް ނިފާޝާ، އަދި އައިމަން ވިޝާމާ އެވެ.
އައިސީއެފް ކަޕްގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫއެސްއޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫއޭއީ ފަދަ ޤައުމުތައް ހިމެނެ އެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެއޮތީ ތިން ވަނާގަ އެވެ.