ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.

ކޮސްޓަރިކާގެ 35 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ، އޮގަސްޓް 7 ވަނަ ދުވަހުގެ ހަވީރު 4:26 އެހާކަންހާއިރު ދޯހާއިން ރާއްޖެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ކަސްޓަމްސްއިން އޭނާގެ ލަގެޖް ސްކޭން ކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ވަނީ ފެނިފަ އެވެ. އެތަކެތީގެ ވަގުތީ ބަރުދަން ދެ ކިލޯއަށްވުރެ ބަރު ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހައްޔަރުކުރި 42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، އޮގަސްޓް 7 ވަނަ ދުވަހުގެރޭ 10:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގެއް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.