08 Aug 2019, 15:33
ރާއްޖެ އިޝްތިހާރު ކުރުމަށް ސައުތު ކޮރެއާގައި ރޯޑް ޝޯތަކެއް ފަށައިފިއެވެ.
އެމްއެމްޕީއާރުސީއިން ބުނީ "ޖާނީ ޓު ދަ ސަނީ ސައިޑް"ގެ ނަމުގައި ކުރިއަށް ގެންދާ މި ރޯޑު ޝޯތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަރަކާތްތައް ހިންގާނެ ކަމަށެވެ.
މި ރޯޑް ޝޯތައް ސޯލްގެ އިތުރުން ބުސާންގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ. މިއަދާއި މާދަމާ ކުރިއަށްގެންދާ މި ރޯޑް ޝޯ އަކީ ސިންގަޕޯ އެއާލައިންސްއާ ގުޅިގެން އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއީ ކޮރެއާގައި ރާއްޖެގެ މަގުބޫލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުން މި ރޯޑް ޝޯގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި ވައްކަރު މޯލްޑިވްސް، ހުޅުލޭ އައިލެންޑް ހޮޓެލް، ބަނޑޮސް މޯލްޑިވްސް އަދި ވިލާ ހޮޓެލްސްއާއޮ ފުރަވެރި ރިސޯޓް ހިމެނެ އެވެ.
މި ހަރަކާތް ކުރިއަށް ގެންދާ ދެ ސިޓީގައި ވެސް ރޯޑް ޝޯ އަށް ދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ކޮރެއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު ކޮރެއާ އިން 34،400 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ގައުމުން 17،358 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.