08 Aug 2019, 14:46
ބ. ފެެހެންދޫ ސްކޫލުގައި މަލްޓި ގްރޭޑަށް ކިޔަވައިދިނުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އާބާދީ މަދު ސްކޫލުތަކުގައި މަލްޓި ގްރޭޑަށް ކިޔަވައިދޭއިރު ކިޔަވައިދެނީ އެކި ގްރޭޑްތަކުގެ ދަރިވަރުން އެއްކޮށްލައިގެންނެވެ. އެގޮތަށް ކިޔަވައިދޭތީ ބައެއް ސްކޫލުތަކުގެ ބެލެނިވެރިން މީގެ ކުރިން މުޒާހަރާވެސް ކޮށްފައިވެއެވެ. އެ މައްސަލައާ ގުޅުގެން މަލްޓި ގްރޭޑަށް ކިޔަވައިދިނުމުގެ އުސޫލަށް ފަހުން ވަނީ ބައެއް ބަދަލުތައްވެސް ގެނެސްފައެވެ.
ފެހެންދޫގައި މިވަގުތު ދިރިއުޅެމުން ދަނީ 150 މީހުންނެވެ.
އެރަށުގެ އާބާދީ ކުޑަކަމުން މިހާރު އެރަށު ސްކޫލުގައި ކިޔަވައެއް ވެސް ނުދެއެވެ. އަދި އެ ރަށުގެ ކިޔަވާ ކުދިން ކިޔަވަން ދަނީ ޑިންގީއެއްގައި، ޖެހިގެން އޮންނަ ގޮއިދޫއަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ޑިންގީގައި ގެންދިއުމަށްވުރެ އެތާ މިހާރު މަލްޓި ގްރޭޑް ތައާރަފްކުރެވިދާނެތޯ. ބެސްޓު މޮޑެލްއަކީ ކޮބައިތޯ އެ ސްކޫޫލަށް،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
ފެހެންދޫ ކުދިން އެ އަތޮޅު ގޮއިދޫ ސުކޫލަށް ކިޔަވަން ދިޔުމަށް ބޭނުން ކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ދާދި ފަހުން ވަނީ އިއުލާންވެސްކޮށްފަ އެވެ.
މި އަހަރު ކުރީކޮޅު އިންޑިއާއިން ރާއްޖެއަށް އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރަން ފޯރުކޮށްދިން 106 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ފެހެންދޫ ދަރިވަރުން ދަތުރުކުރުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހޯދުމަށެވެ.