02 Nov 2011, 15:57
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ހަމެހިފައިވާ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕްގެ ގުރުލުން ބާއްވައިފި އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ހެނދުނު ގުރުލުމުގެ ކަންތައްތައް ނިމުނު އިރު، ރާއްޖެ ލައްވާލީ މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެކު ގްރޫޕް ބީ ފަޅީގަ އެވެ.
އެގޮތުން ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.
މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.