08 Aug 2019, 21:52
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެކައުންޓެއް މެލޭޝިއާގައި އޮންނަ ވާހަކަ ދޮގުކޮށްފި އެވެ.
ރައީސްގެ ތަރުޖަމާނު ހޫދު އިބްރާހިމް "ސަން" އަށް މިއަދު ވިދާޅުވީ ރައީސްގެ ބޭންކް އެކައުންޓެއް މެލޭޝިއާގައި އޮންނަ ކަމަށް އަޑުފެތުރިފައި ވިޔަސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"މީގެ ކުރިން ނިއުސް ކޮންފަރެންސްއެއްގައި ވެސް ރައީސް ވިދާޅުފައި އޮންނާނެ އެ ވާހަކަ [އެއީ ދޮގެއް ކަމުގެ ވާހަކަ]،" ހޫދު ވިދާޅުވި އެވެ.
ރައީސްގެ މެލޭޝިއާގެ އޮންނަ އެކައުންޓަކަށް 72 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެކަން ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ރައީސްގެ އެކައުންޓަށް ފައިސާތައް ޖަމާވިކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހަޅި ކަމަށް ބުނެ މީސް މީޑިއާގައި ވަނީ ލިޔެކިޔުންތަކެއް ވެސް އާންމުވެފަ އެވެ.
އޭސީސީގެ އޮފިޝަލަކު "ސަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެެހެންނަމަވެސް އޭގައި މައުލޫމާތުތައް ފުރިހަމަ ނުވާތީވެ އެމައްސަލަ ބަލަން ނިންމައިފައިނުވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.
ރައީސްގެ އެކައުންޓަށް ފައިސާތަކެއް ޖަމާވިކަމަށް ތުހުމަތުތައް ކުރެވިފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ވަން މައްސަލަ މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.