ނިއުދިއްލީ (އޮގަސްޓް 8) : ޖަންމޫ ކަޝްމީރަށް އިންޑީއާގެ ގާނޫނު އަސާސީގައި ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުން އިންޑިއާ ސަރުކާރާ ދެކޮޅަށް ކުރާ އިހްތިޖާޖްތަކާއި މުޒާހަރާތައް ހޫނުވެ އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ލީކުވެފައިވާ މައުލޫމާތު ބުނާ ގޮތުން ޖަންމޫ ކަޝްމީރުގައި ވަނީ ކާފިއު ހިންގައި މަގުތަކަށް ނުކުންނަ މީހުން ހައްޔަރުކުރާނެ ކަމާއި ސަލާމަތީ ބާރުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ބަޑިން ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. މިއާ އެކު އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރު މީހުންނާ ހިނގި ކުރިމަތިލުންތަކުގައި އެކަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވެގެން ސްރީނަގަރު ހޮސްޕިޓަލުގައި ހަ މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށް ވެސް ލީކުވެފައިވާ ޚަބަރުތައް ބުނެ އެވެ.

އަނެއްކޮޅުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގުތަކަށް ނިކުމެ ހިންދޫންނާއި މުސްލިމުންނާއި އެނޫން ވެސް އެކި ދީންތަކުގެ އާންމުން ވެސް ވަނީ ޖަންމޫ ކަޝްމީރުގެ މައްސަލާގައި އިންޑިއާ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އަޑުއުފުލަން ފަށައިފަ އެވެ. ބީޖޭޕީ ސަރުކާރުގެ ނިންމުމަކީ "ޑިމޮކްރަސީ އާއި މިނިވަންކަމާއި އިންޑިއާގެ ހަމަޖެހުން މަރާލުން" ކަމަށާއި ސަރުކާރުގެ އެނިމުން އަލުން މުރާޖައާ ކުރުމަށް މުޒާހަރާގެ ބައިވެރިންދަނީ ގޮވާލަމުންނެވެ. މި މުޒާހަރާތައް އިންޑިއާގެ އެހެން ސްޓޭޓްތަކަށް ވެސް މިހާރުވަނީ ފެތުރެން ފަށައިފަ އެވެ.

އެ މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުންތައް ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޖަންމޫ ކަޝްމީރުގެ ޚާއްސަ އިމްތިޔާޒުތަކަކީ އެސަރަހައްދު އިންޑިއާގެ ދަށުގައި އޮތުމަށް އެސަރަހައްދުގެ ރައްޔިތުން ވެފައިވާ ޝަރުތު ކަމަށްވާތީ އެޝަރުތުތައް އުވާލުމުން ޖަންމޫ ކަޝްމީރަށް އިންޑިއާގެ ކިބައިން މިނިވަންކަން ލިބެންޖެހޭނެ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

އެ މައްސަލާގައި ޕާކިސްތާނުން ޖަންމޫ ކަޝްމީރުގެ ރައްޔިތުންނަށް އެހީވާނެ ކަމަށާއި އެކަމާ ގުޅިގެން އިންޑިއާއާ އެކު ހަނގުރާމައަކަށް ދާންޖެހުނަސް ފަރުވާލެއް ނެތްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންވަނީ ވިދާޅުވެފަ އެވެ. އަދި ޕާކިސްތާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު އިންޑީއާއަށް ބަންދުކޮށް އިންޑީއާއާ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އިންޑިއާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވެސް އަނބުރައި ގައުމަށް ގެނައުމަށް ނިންމާފަ އެވެ. (ނޫސްއެޖެންސީތައް)