ދައުލަތުގެ މާލިއްޔާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

ނިމިދިޔަ ސަރުކާރާ ހަމައަށް ވެސް މާލިއްޔަތާ ގުޅޭ ބިލުތައް ހުށަހެޅޭނީ ސަރުކާރަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަޅައި އެފަދަ ބިލުތައް ހުރިހާ މެމްބަރުންނަށްވެސް ހުށަހެޅޭނެ ގޮތަށް ހެދިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ގައިދުގައި އެ މާއްދާ ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އިސްލާހު ގެންނަވާފައެވެ.

ވަގުތީ ކޮމިޓީން ގެނައި އެ އިސްލާހުތަކާއެކު އެ ކޮމިޓީގެ ރިޕޯޓު އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ފާސްކޮށްފައެވެެ.

ވަގުތީ ކޮމިޓީގެ ރިޕޯޓުގައިވާގޮތުން ގައިވަދުގެ 71 ވަނަ މާއްދާގެ (ށ) އިސްލާހު ކޮށްފައިވަނީ، ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލު) ހުށަހެޅޭނީ ސަރުކާރަށެވެ.

މީގެ އިތުރުން އެހެން ގައިވަދަށް އިތުރު އިސްލާހެއްވެސް ކޮމިޓީ ރިޕޯޓުގައި ހިމެނެއެވެ. އެއީ މަޖިލީހުގެ ދައުރުގެ ބެހިގެންވާ ގޮތާއި އެ ދައުރުތަކުގެ މުއްދަތެވެ. ފާސްކޮށްފައިވަނީ އަހަރެއްގެ ތެރޭގައި ތިން ދައުރަކަށް އޮންނަ އިރު، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.

ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވައިދުގައި ކުރިން އޮތް ގޮތުން ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 16 ގެ ނިޔަލަށެވެ.

ފައިސާއާ ގުޅޭ ބިލުތައް ހުށަހެޅޭނީ، ސަރުކާރަށް އެކަނިކަމަށް ގަވައިދަށް އިސްލާހުކޮށްފައި މި ވަނީ، ފައިސާއާ ގުޅޭ ދެ ބިލެއް، ވެރިކަން ކުރާ އެމްޑީޕީ ނޫން މެމްބަރުންގެ ފަރާތުން ވަނީ މީގެ ކުރިން ހުށަހަޅާފައެވެ. އެއީ ކާށިދޫ ދާއިރާ މެމްބަރު، އަބްދުﷲ ޖާބިރު ހުށަހެޅުއްވި 65 އަށް އަހަރުން މަތީ މީހުންނަށް ދޭ އެލަވަންސް 10،000 ރުފިޔާއަށް އިތުރުކުރުމަށާއި ދަނގެތި ދާއިރާ މެމްބަރު، މުހައްމަދު ނާޒިމް ހުށަޅުއްވި ނުކުޅެދުންތެރި ހުންނަ ފަރާތްތަކަށް ދޭ އެލެވަންސް 7،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ. ނަމަވެސް އެ ދެ ބިލުވެސް ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

އެ ބިލްތަކަށް ފާޑު ވިދާޅުވަމުން އޭރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، އެއީ ސަރުކާރަށް ޖެއްސުންކުރުމަށް އެއްވެސް މަޝްވަރާއެއް ސަރުކާރާއެެކު ނުކޮށް، އެގޮތަށް ބަަދަލު ގެނައުމުން ދައުލަތުގެ މާލިއްޔާއަށް އަންނާ ބުރައާ މެދު އެއްވެސް ކަހަލަ ދިރާސާއެއް ނެތި ހުށަހެޅުއްވި ބިލުތަކެއް ކަމަށެވެ. އަދި 65 މެމްބަރުންނާއެކު ބޮޑު އަގުލަބިއްޔަތެއް އޮތް އެމްޑީޕީއަށް އޮތް އިރު، އެފަދަ ބޭކާރު ބިލްތައް ހުށަހެޅުމަކީ، މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުން ކަމުގައި ދެކެއެވެ.