08 Aug 2019, 12:16
ކޮލަމްބޯ (އޮގަސްޓު 8): ސްރީލަންކާގެ ނޫސްވެރިއަކަށް މީގެ 10 އަހަރު ކުރިން ދިން ހަމަލާއަކާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާގެ ދެ ޖާސޫސެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ އިންޓެލިޖެންސް އޮފިސަރުން ކަމަށްވާ ޕްރެމާ އާނަންދާ އުދުލަގަމާ އާއި ރާޖަޕަކްސަގާ ލަލިތު ރާޖަޕަކްސަ ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ޖެނުއަރީ 2009ގައި ނޫސްވެރިޔަކަށް ހަމަލާދީފަ އެވެ. އެހަމަލާގައި ސިންހަލަ ނޫހެއް ކަމަށްވާ ރިވިރާގެ އެޑިޓަރު އުޕާލީ ތެންނަކޫން އާއި އޭނާގެ އަންހެނުން ޒަހަމްވި އެވެ.
އެއޮފިސަރުންނަކީ މީގެ ކުރިން ލަންކާ އަސްކަރިއްޔާގެ ޓްރިޕޮލީ މިލިޓަރީ އިންޓެލިޖެންސްގެ މެމްބަރުން ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލްގެ ތަރުޖަމާނު ނިޝާރާ ޖަޔަރަތުނަ ވިދާޅުވި އެވެ.
ތެންނަކޫންއަށް އެހަމަލާ ދިނީ، އޭރު އޮތް ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔާ ލަސަންތަ ވިކްރަމަތުންގައަށް ބަޔަކު ހަމަލާދީ މަރާލިތާ ދެ ހަފްތާ ފަހުންނެވެ. އަދި އިންވެސްޓިގޭޓަރުން ބުނާ ގޮތުގައި ވިކްރަމަތުންގަ މަރާލީ ތެންނަކޫންއަށް ހަމަލާ ދިން އޮފިސަރުން ނިސްބަތްވާ ޖާސޫސީ ޔުނިޓުންނެވެ.
އެމައްސަލާގައި އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައި ނުވި ނަމަވެސް، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވިކްރަމަތުންގަ މަރާލީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަގެ އަމުރަށެވެ.
އެގޮތުން ވިކްރަމަތުންގަ މަރާލީ، ކޮރަޕްޝަނުގެ މައްސަލާގައި ގޯޓާބަޔައާ ދެކޮޅަށް ހެކިބަސް ދޭން ތައްޔާރުވަމުންދަނިކޮށް ކަމަށް އެފަރާތްތަކުން ފާހަގަ ކުރެ އެވެ.
ނަމަވެސް ގޯޓާބަޔަ އެތުހުމަތުތައް ދޮގު ކުރައްވަ އެވެ. އަދި އޭނާ ވަނީ ލަންކާގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.