02 Nov 2011, 15:54
ހުސްވި ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލަށް އުފެއްދި މޯލްޑިވްސް އޮލިންޕިއަން އެސޯސިއޭޝަންގެ ފުރަތަމަ ކޮންގްރެސް މިރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ރާއްޖޭގެ އޮލިންޕިއަނުންނަށް އަމާޒުކޮށް އުފެއްދި މިއެސޯސިއޭޝަންގެ ފުރަތަމަ ކޮންގްރެސް މިރޭ 9:00 ޖަހާއިރު ބާއްވާ އިރު، ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީއާ ހަޒާންދާރެއްގެ އިތުރުން އާންމު ތިން މެންބަރެއް ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އޮލިންޕިއަން އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު، އެ ދެ ބޭފުޅުންނަކީ އަހުމަދު ސަގީފް(ރިވަރިން) އާއި މުޙައްމަދު ހާނިމެވެ. ނައިބް ރައީސުންނަށް ކުރިމަތިލަނީ މުހައްމަދު އާމިރާ، ރާއްޖޭގައި ނެޓްބޯޅައިގެ ކުޅިވަރު އާލާކުރުމަށް މިވަގުތު އެންމެ އިސްކޮށް އުޅުއްވާ ނަސީރު އިސްމާއީލެވެ. އަދި ހަޒާންދާރަކަށް ކުރިމަތި ލަނީ ސްވިމިންގައި ވަރަށް ފުއްނާބު އުސް ބޭފުޅެއް ކަމަށްވާ މުބާހެވެ. ޖެނެރަލް ސެކްރެޓަރީއަކަށް ކުރިމަތި ލަނީ އޮލިމްޕިކް ގޭމްސްގެ އެތްލެޓިކްސްގައި ރާއްޖެ ތަމްސީލް ކޮށްފައިވާ ސުލްތާން ސައީދާއި އިބްރާހިމް އުމަރު މަނިކެވެ.
އާންމު ތިން މެންބަރުނަށް ކުރިމަތި ލަނީ، އޮލިންޕިއަން އެސޯސިއޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު އިމްތިއާޒާއި އެންމެ ފުރަތަމަ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ތަމްސީލް ކުރި އަބްދުލް ރައްޒާގު އަބޫބަކުރެވެ. އަދި ތިން ވަނަ ބޭފުޅަކީ ކޮން ބޭފުޅެއްކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައި އުޅުއްވާ އިސްބޭފުންނާއި، މީގެ ކުރިން އޮލިންޕިއަންގެ ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލް ކުރައްވާފައިވާ ބޭފުޅުންތަކެއް އިސްކޮށް ހަރަކާތްތެރިވެގެން އުފެއްދި މިއެސޯސިއޭޝަނަކީ އެހެން އެސޯސިއޭޝަންތަކެކޭ އެއްގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަނެކެވެ.
މޯލްޑިވްސް އޮލިންޕިއަން އެސޯސިއޭޝަން އުފެއްދުމުގައި ހަރަކާތްތެރިވާ މެންބަރަކު ބުނީ، އަލަށް ރާއްޖޭގައި އުފެދުނު މި އެސޯސިއޭޝަނަކީ އިންޓަނޭޝަނަލް އޮލިންޕިއަން އެސޯސިއޭޝަންގައި ރަޖިސްޓަރީ ވެގެންދާނެ އެސޯސިއޭޝަނެއް ކަމަށެވެ. އަދި މިރޭގެ ކްންގްރެސް ބާއްވަނީ އޮލިމްޕިކް ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް އޭނަ ބުންޏެވެ.
"މިރޭގެ ކޮންގްރެސްގައި އޮލިމްޕިކް ކޮމެޓީގެ އިސްބޭފުޅުން ބައިވެރިވާނެ. އަދި އޮލިމްޕިކް ކޮމެޓީގެ އެސްކޯގެ ބޭފުޅުންވެސް މިރޭ ކްންގްރެސްގައި ބައިވެރިވާނެ. ސްޕޯޓްސް ކައުންސިލް ތަމްސީލް ކުރާ ބޭބޭފުޅުން ވެސް މިރޭގެ ކޮންގްރެސްގައި ބައިވެރިވާނެ. މިރޭގެ ކްންގްރެސްގައި އެސޯސިއޭޝަންގެ މަޤާމްތައް ހޮވާނެ.ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު ލިބޭނީ ޤައުމު ތަމްސީލް ކޮށްފައިވާ އޮލިންޕިއަނުންނަށް. ވޯޓް އެލެވެނީ ޖަމްއިއްޔާގެ ފުރިހަމަ މެންބަރުންނަށް. ވޯޓް ލުމުގެ ދެ ވަނަ ކެޓަގަރީގެ މެންބަރުންނަކީ އޮލިމްޕިކްސް ގޭމްސް އެއްގައި ރައްޖެ ތަމްސީލް ކޮށްފައިވާ ބޭފުޅުން. އަދި އޮފިޝަލެއްގެ ގޮތުން ރާއްޖެ ތަމްސީލް ކުރި ބޭފުޅަކަށް ވެސް ވޯޓް ލެވޭނެ."
މޯލްޑިވްސް އޮލިންޕިއަން އެސޯސިއޭޝަން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ދެ ބޭފުޅުންނަކީ ސްވިމިންގައި މީގެ ކުރިން ރާއްޖެ ތަމްސީލްކޮށްފައިވާ އަހުމަދު އިމްތިއާޒާއި އެތްލެޓިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ އައިޝަތު ޝިފާނާ އެވެ.