08 Aug 2019, 00:51
ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވާ ގައުމީ ޓީމު، ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު ބަލަން ވ. އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުތައް ހަމަޖައްސައިދޭ ގޮތަށް ނިންމައިފިއެވެ.
އެ މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ސޯޝަލް ސެންޓަރުގައެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް "ސަން"އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ވ. އަތޮޅުގެ ރައްޔިތުންނަށް އެ މެޗަށް ހިލޭ މާލެ ގެނެސްދޭ ގޮތަށް ނިންމީ ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ވަތީއާއެކުވެސް ކަމަށެވެ.
" އަނެއްކޮޅުން މާލެއާ ވަރަށް ކައިރި ތެދެއްތޯ ވ. އަތޮޅު." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މެޗް ބަލަން ބޭނުންވާ ވ. އަތޮޅުގެ ރައްޔިތުން އެ މީހުންގެ ރަށްރަށުގެ ކައުންސިލްގައި އެކަމަށް އެދުމުން ދަތުރު ހަމަޖައްސައިދޭނެ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ކުރިން ވޮލީއަށް މާބޮޑު އަޅާލުމެއް ރާއްޖޭގައި ދީފައި ނެތް ނަމަވެސް މިހާރު ބޭނުންވަނީ އާ ފެށުމަކުން ފަށަން ކަމަށެވެ.
ލަންކާއާއެކު ކުޅޭ މެޗު ބަލާލުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށްވެސް މިހާރު ދައުވަތު އަރުވައިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.