ގއ. ކޫއްޑޫން ފުރައިގެން ކުޑަކުދިންނާއި އަންހެނުން ގޮވައިގެން ދަތުރުކުރި ލޯންޗެއްގެ ބައެއް ހަލާކުވެ ދިޔަވުމުގެ ސަބަބުން ނުފެތި ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް އެ ލޯންޗުން ދަތުރުކުރި ބައެއް މީހުން ބުނެފިއެވެ.

އެ ލޯންޗުން ދަތުރުކުރި ބައެއް މީހުން "ސަން" އަށް ކިޔައިދިންގޮތުގައި އެ ހާދިސާ ހިނގީ މިރޭ 9:30 އެހައިކަންހާއިރު އެއަތޮޅު ދިގަދޫ އާއި ބާވަނަދޫ ދެމެދަށް ކަމަށެވެ.

ދަތުރުވެރިން ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން ލޯންޗުން ތެޔޮ ހުސްވާތީ އޭގެ ކެޕްޓަން ރަށުގެ މީހަކަށް ގުޅައި ތެޔޮ ހަމެއް ގެނެސްދިނުމަށް އެދުނު ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ތެޔޮ ހިފައިގެން ގެމަނަފުށިން ދަތުރުކުރި ލޯންޗު އެ ލޯންޗާ އަރާހަމަކުރި ވަގުތު ކަމަށް ވެސް ދަތުރުކުރި މީހުން ބުންޏެވެ.

"ހަމަ ކިރިޔާ އަޅުގަނޑުމެން ސަލާމަތްވީ. ރަށުން އިތުރު ލޯންޗެއް ނައިނަމަ އެންމެން ކަނޑުވާނެ. ކުޑަކުދިންވެސް ތިބުމާއެކު ފުރާނަމަ ހަމަ ސަލާމަތްމިވީ ކިރިޔާ،" އެ ލޯންޗުން ދަތުރުކުރި މީހަކު ކިޔައިދިނެވެ.

އެ ލޯންޗުން ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި އެއް އަހަރުގެ ކުޑަ ކުއްޖަކާއި 10 އަހަރުން ދަށުގެ ތިން ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

"ބޮޑަށް ލަފާ ވަނީ މަރާމާތު ކުރަންޖެހޭ ތަނެއް މަރާމާތުނުކޮށް ހުއްޓައި ދަތުރުކުރުމުން ކަމަށް މިހެންމިވީ،" ލޯންޗުން ދަތުރުކުރި މީހަކު ކިޔައިދިނެވެ.

ލޯންޗު ދިޔަވުމުގެ ސަބަބުން އަންނައުނު ފަދަ ބައެއް ސާމާނުތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް އެ ލޯންޗުން ދަތުރުކުރި މީހުން ބުންޏެވެ.