08 Aug 2019, 00:49
އަތޮޅު ތެރޭގެ ރަށް ރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްއެއް ނުދޭ ކަމަށެވެ. އެހެންކަމުން މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަ ޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖެއްސުމަށް 2014 ވަނަ އަހަރުވެސް ޖޭއެސްސީން ވަނީ މަޖިލީހުގައި އެދިފަ އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެއް ބެލުމަށް ނިންމާފަ އެވެ. އެއީ އޭނާގެ ހާޒިރީގެ މައްސަލައެކެވެ. ޖޭއެސްސީއިން ވަނީ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއީ) އަށް ފޮނުވަން ނިންމާފަ އެވެ.