07 Aug 2019, 22:56
އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ހިދުމަތެއް ކަމަށާއި އާންމު ރައްޔިތުން އިންޓަނެޓަށް ކުރާ ޖެހޭ ހޭދަ ކުޑަވާން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އުރީދޫގެ އިކޮޮމާސް ޕްލެޓްފޯމު "މޫލީ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޓަރނެޓްގެ އަގުތައް، އަތް ފޯރާ ފަށަށް ތިރިކޮށްގެން ނޫނީ، ޑިޖިޓަލް ޖަޒީރާ ރާއްޖެއެއްގެ އައްސޭރި އަތެއް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ޑިޖިޓަލް ވާންފެށިތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ސްކޫލުތައްވެސް ޑިޖިޓަލައިޒް ވަމުންދާކަމަށެވެ.
އަމިއްލަ ރަށުގައި ތިބެގެން، ދުނިޔޭގެ ބާޒާރުގައި ރަށު ފަތުރުވެރިކަން ވިއްކުމަށް، އައިލެންޑްސް ޑޮޓް އެމްވީގެ ނަމުގައި ވެބް ޕޯޓަލްއެއްވެސް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮފީސްތަކާއި ކުންފުނިތަކުގެ ހިދުމަތްތައް، ސްމާޓް ފޯނުގެ ޒަރީއާއިން ހޯދޭނެ ގޮތްތައް ހަމަޖެހެމުންދާއިރު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ނުލިބޭނެ ކަމަށެވެ.
"އަސާސީ ކިތަންމެ ހިދުމަތެއް، އަތުގެ އިނގިލި ކުރިއާ ހަމައަށް ގެނެވިދާނެ. ނަމަވެސް، ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަނެޓް. އަދި، ޓެކްނޮލޮޖީގެ ދުނިޔޭގައި، ހުރިހާ ގައުމުތައް، އެއް ދުލަކުން ވާހަކަދައްކާ ބަހުރުވައަކީވެސް އިންޓަނެޓް. އެހެންވީމާ، އާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ހަގީގީ މަންފާއެއް ނުލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ވިސްނަންވީ ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ނޫން ކަމަށެވެ.
"މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ހިދުމަތެއް. އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ، އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ،" ރައީސް ސޯލިހު ވިދާޅިުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އުރީދޫގެ އަމާޒަކީވެސް އެއީކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށާއި ހާއްސަކޮށް ޑިޖިޓަލް ޓެކްނޮލަޖީގެ ދައުރު މިކަމުގައި ބޮޑުކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ދުނިޔޭގެ ކުރިއަރާފައިގައުމުތަކުގައިވެސް، މުއާސަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތައިލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި. އިންސާނުން ބިނާކުރުމަށް،"
ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް، އިސްކަންދީގެން މަސައްކަތްކުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަގީން،" ރައީސް ވިދާޅުވީ މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި އަމިއްލަ ކުންފުނިތަކުގެ ދައުރުވެސް ބޮޑު ކަމަށެވެ.