02 Nov 2011, 15:15
އައްޑޫގައި މި މަހު ބާއްވާ ސާކް ސަމިޓުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ގުޅިފައިވާ ފައުޖުތަކުގެ ފައިނަލް އިންސްޕެކްޝަން ބާއްވައިފި އެވެ.
މިއަދު އައްޑޫގައި އޮތް ފައިނަލް އިންސްޕެކްޝަން އިންސްޕެކްޓް ކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް ހަސަން އަފީފާއި އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހެވެ.
ގުޅިފައިވާ ފައުޖުގެ އިންސްޕެކްޝަންގައި ހަރަކާތްތެރިވާ ސިފައިންނާއި ފުލުހުންގެ އަޝްކަރުތަކާއި އެކިއެކި ޔުނިޓުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފުންނާއި ސާކް ސަމިޓުގެ ސަލާމަތީ ކަންތައްތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި އެހެނިހެން އާލާތްތައް ވެސް އިންސްޕެކްޓު ކޮށްފައިވެ އެވެ.
މިއަދު ހެނދުނު ގަން އެއާޕޯޓު ސަރަހައްދުގައި އޮތް ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާއި މުޚާތަބު ކުރައްވައި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު ވަނީ މިފަހަރުގެ ސާކް ސަމިޓު ކާމިޔާބު ކުރުމުގައި ސިފައިންނާއި ފުލުހުން ގުޅިގެން ވަރަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އަދިސާކް ސަމިޓުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމުގައި އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވަމުންދާ ތައްޔާރީތަކުގައި ސިފައިންނާއި ފުލުހުން ގުޅިގެން އެއް ބައެއްގެ ގޮތުގައި ތިބެ ކުރަމުންދާ ބުރަ މަސައްކަތްތަކާއި ޤައުމީ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އަދި އެފައުޖުން ކުރަމުންދާ މަސައްކަތަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެ، ފަވައިލެވޭނެ މަސައްކަތެއްކަމުގައި ވިދާޅުވި އެވެ.