ވޮޝިންޓަން (އޮގަސްޓް 7): އެމެރިކާގައި އާންމުންގެ ގަޔަށް ބަޑިޖަހައި ހިންގަމުން ގެންދާ ބިރުވެރި ގަތްލު އާންމުތަކާ ގުޅިގެން އެމެރިކާއަކީ ދަތުރުކުރުން ރައްކާތެރި ގައުމެއް ނޫންކަމަށް ބުނެ އެމެރިކާއަށް ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެ ދުނިޔޭގެ އެތަށް ގައުމަކުން އެގައުމުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ޓްރަވެލް އެޑްވައިޒަރީތައް ނެރެފިއެވެ.

ޖަޕާން، މެކްސިކޯ ، ވެނެޒުއެލާ، ނިއުޒީލެންޑް، ބަހާމާސް، ކިޔުބާ، އުރުގުއޭ، އާޖެންޓީނާ އަދި ރަޝިއާ، ޖަރުމަނުވިލާތް، ކެނެޑާ އަދި އިނގިރޭސިވިލާތް ފަދަ އެތަށް ގައުމަކުން ނެރުނު ޓްރަވެލް އެޑްވައިޒަރީތަކުގައި އެގައުމުތަކުގެ ރައްޔިތުންނަށް ނަސޭހަތްތެރި ވެފައިވަނީ އެމެރިކާއަކީ ދަތުރުކޮށް އުޅެން ރައްކާތެރި ގައުމެއްނޫންކަމާއި އެމެރިކާގައި ކޮންމެ ވަގުތަކުވެސް ބަޑީގެ ހަމަލާތަކާ ކުރިމަތިލާންޖެހިދާނެ ބިރު އޮތް ކަމުގައެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހަތިޔަރާއި ބަޑިގެންގުޅޭ ފަރާތްތަކުން ގޮތެއް ފޮތެއް ނުބަލައި ސްކޫލްތަކާއި މާރުކޭޓްތަކާއި އެނޫންވެސް ތަންތަނަށް ބަޑީގެ ހަމަލާތައް އާދަޔާ ޚިލާފަށް ގިނައިން ދެމުން ގެންދާއިރު އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށް އެގައުމުގެ މީޑިއާ ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ދެ ސްޓޭޓެއްގައި ވަކިވަކިން ދިން ބަޑީގެ ހަމަލާތަކެއްގައި 39 މީހުން މަރުވެ 46 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި އެމެރިކާގައި ދިރިއުޅޭ ބޭރުމީހުންވެސް ހިމެނެއެވެ. މިދެ ހަމަލާގެތެރެއިން އެއް ހަމަލާދީފައިވަނީ ޓެކްސަސްގެ އެލްޕާސޯ ސިޓީގައިވާ ވޮލްމާޓް ފިހާރައެއްގައި ބާޒާރު ކުރަމުންދިޔަ މީހުންނަށެވެ. އެ ހަމަލާގައި 29 މީހުން މަރުވެ 26 މީހުން ޒަޚަމްވެފައިވާއިރު އޮހަޔޯ ސްޓޭޓްގެ ޑައިޓޮން ސިޓީގައި ބަޑިހިފައިގެން ހުރި މީހަކު ދިން ޙަމަލާތަކެއްގައި 10 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެއެވެ.

މި ދެހަމަލާގެ ހައެއްކަ ދުވަސްކުރިން އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ކާބޯތަކެތީގެ ފެސްޓިވަލެއްގައި ތިބި ބަޔަކަށް ޒުވާނަކު ބަޑިން ދިން ޙަމަލާތަކެއްގައިވެސް 3 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ން ވަނީ އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މަގުފޭރޭ މީހުންނާއި ވަގުންނާއި މާފިޔާ ގޭންތަކުގެ ނުރައްކާ މަގުމަތީގައިވެސް ބޮޑުކަން ބަޔާންކޮށްފައެވެ. މިފަދަ ހާލަތުގައި އެމެރިކާ ވުމާއެކު އެމެރިކާއަށް ނުދިޔުމަށް ނަސޭހަތްތެރިވެ އެމެރިކާގެ ބައިވެރި ބައެއް ގައުމުތަކާ އަދި ކުދި ކުދި ގައުމުތަކުން ޓްރަވެލް އެޑްވައިޒަރީތައް ނެރުމަކީ އެމެރިކާ ވެއްޓިފައިވާ ވަޅުގަނޑާމެދު އެމެރިކާ ސަރުކާރު ލަދުގަންނަން ޖެހޭ ކަމަށް އެނޫސް ބުނެއެވެ.

"ވޮޝިންޓަން ޕޯސްޓް" ން ވަނީ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ފަދަ އެމެރިކާ ގެ މުހިއްމު ގިނަ މުއައްސަސާތަކެއްވެސް ކޮރަޕްޝަނާއި ފަސާދައިގެ ހާލިތަކެއް ކަމަށް ސިފަކޮށްފައެވެ.

ބަޑިން ޑަޒަން ޑަޒަނަށް މީހުން މެރުން އެމެރިކާގައި އާންމު ވެފައިވާއިރު މިކަން ހުއްޓުވުމަށް އެމެރިކާގެ މިހާރުގެ ސަރުކާރުންނާއި ފާއިތުވި ސަރުކާރުތައްވެސްވަނީ ނުކުޅެދިފައެވެ.

އެމެރިކާއަކީ އެހެން ގައުމުތަކުގައި ކުޑަ ކަމެއްވާއިރަށްވެސް އެގައުމުތަކަށް ނުދިއުމަށް ނަސޭހަތްތެރިވެ އެމެރިކާ ރައްޔިތުންނަށް ޓްރަވެލް އެޑްވައިޒަރީތައް ނެރޭ ގައުމަކަށްވާއިރު މިއަދު އެމެރިކާގެ ހާލަތާމެދު އެމެރިކާގެ ރައްޔިތުން ލަދުގަންނަ ކަމަށާ ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕަކީ ލަދުގަންނަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.

(ނޫސްއެޖެންސީތައް + އެމެރިކާގެ މީޑިއާ)