އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކެޓަޕިލާ ފިނޭންޝަލް ސާވިސާސްގެ އޭޝިޔާ ބްރާންޗަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު 2.9 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކެޓަޕިލާ އިން ކުރި ދައުވާގައި ވަނީ ފެބްރުއަރީ 19، 2007 ގައި ހެވީލޯޑް މޯލްޑިވްސްއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް 700000 ޑޮލަރު [10794000ރ.[ގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ލޯނަށް ގެރެންޓީ ދީފައި ވަނީ ރީކޯ މޫސަ ކަމަށް ވެސް އެ ދައުވާގައިވެ އެވެ. އެހެން ކަމުން ހެވީލޯޑުން މިހާތަނަށް އެ ލޯނުން ނުދައްކައި އޮތް 189446ޑޮލަރު ]2921257ރ.[ މޫސަގެ ފަރާތުން ހޯދަން އެދޭކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ މައްސަލައިގައި އިޝާރާތްކުރެވޭ އިކްއިޕްމެންޓް ލޯނަށް ދައްކަން ޖެހޭ ފައިސާ ވަނީ ހެވީލޯޑް މޯލްޑިވްސް އިން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރީކޯ މޫސަގެ ވަކީލު ވިދާޅުވެފައިވެ އެވެ. ނަމަވެސް ހުކުމް އިއްވަވަމުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަން ސާބިތުކޮށްދޭ ކާފީ ހެކި ރީކޯ މޫސަގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި ވިދާޅުވީ ހެވީލޯޑުން އެ ލޯނަށް ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާ ޝަރުތަކާއި ނުލައި ދެއްކުމަށް ގެރެންޓާއެއްގެ ގޮތުން އެގްރީމެންޓުގައި ރީކޯ މޫސަ އެއްބަސްވެފައިވާ ކަމަށެވެ.

އަދި ގެއްލުމުގެ ބަދަލާއި ވަކީލުންގެ ފީ އަދި އެހެނިހެން ހަރަދުތައް ވެސް އެއްވެސް ޝަރުތަކާ ނުލައި ދެއްކުމަށް ވެސް ގެރެންޓާ އެގްރިމެންޓުގައި ރީކޯ މޫސަ އެއްބަސްވެފައިވާ ކަމަށް ވެސް ހުކުމް އިއްވަވަމުން ގާޒި ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަށް ދައްކަން ޖެހޭ އަދަދަށް ވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށް ރީކޯ މޫސަގެ މައްޗަށް އަންގައި ހުކުމް ކުރާ ކަމަށެވެ.