ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހިންގަމުންދާ ފިޔަވަތީގެ ފާރު މައްޗަށް ކުޑަކުދިންތަކެއް އެރި މައްސަލައެއް އަނެއްކާ ވެސް ފެންމަތިވެއްޖެ އެވެ.

އެ ކުދިންތައް ފާރު މައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެސްވެފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފާރު މައްޗަށް އަރައިގެން އުޅޭ މަންޒަރުތައް މީގެ ކުރިން ވެސް ފެނިފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ކުދިންތަކެއް ފާރު މައްޗަށް އަރައިގެން އުޅޭތަން ފެންނަ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ކަމަށެވެ.

"އަދި ތިޔަ ފާހަގަކުރި ފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުންދާތީ މިފަދަ ހާދިސާތައް ހުއްޓުވުމަށް އަދި ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީން މިދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން. ހަމައެހެންމެ ކަމާ ގުޅުން ހުރި އިތުރު މުވައްސަސާތަކާ އެކު މަސައްކަތް ކުރަމުން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކުޑަކުދިންތަކެއް ފިޔަވަތި ފާރު މައްޗަށް އަރައިގެން އުޅޭ މަންޒަރު ފެނުނު އިރު ދާދި ފަހުން ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކު ގެއްލުން މައްސަލާގައި ޖެންޑާ މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ކުޑަކުއްޖާ ގެއްލުނު މައްސަލާގައި މުޅި ދައުލަތް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ގާއިމުކޮށް އެތަންތަން ހިންގުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ތަންރީނު ލިބިފައިވާ މުވައްޒަފުންނާއި ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، ތަނުގެ އިންފްރާސްޓްރަކްޗާ ވެސް ވަރަށް ބޮޑަށް ވީރާނާވެ، ތަން ހިންގުމަށް އެކަށީގެންވާ ބަޖެޓެއް ވެސް ނެތް ކަމަށެވެ.