ހއ. ފިއްލަދޫ ކައުންސިލްގެ ނައިބް ރައީސަކަށް ކުރިން ހުންނެވި އާދަމް އިނާޒު ޑީއާރްޕީން ވަކިކުރުމާގުޅިގެން އިތުރު ބަޔަކާ އެކު އޭނާ އެމްޑީޕީ އަށް އިއްޔެ ސޮއިކޮށްފި އެވެ.

އީނާޒް މިއަދު ވިދާޅުވީ ޑީއާރްޕީން އޭނާ ވަކިކޮށްފައިވާ ކަމަށް އަންގައި ސިޓީ ފޮނުވުމާ ގުޅިގެން އިއްޔެ އެމްޑީޕީ އަށް ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ އެކު ޑީއާރުޕީގެ 20 ބޭފުޅަކު އެމްޑީޕީ އަށް އިއްޔެ ސޮއިކޮށްފައިވާ އިރު ވަކިޕާޓީ އަކަށް ނިސްބަތްނުވާ ބޭފުޅުން ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް އީނާޒް ވިދާޅުވި އެވެ.

"އިތުރު 50 ބޭފުޅުން މާދަމާ ނޫން އަނެއް ދުވަހު އެމްޑީޕީ އަށް ސޮއިކުރާ ގޮތަށް މިހާރު ވަނީ ނިމިފައި. އެބޭފުޅުންގެ ތެރޭގައި ވެސް ޑީއާރުޕީގެ ބޭފުޅުން ހިމެނޭ،" އީނާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް މިއަދު ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަނަށް އިއުލާން ކުރުމުން އެ ގޮނޑިއަށް އަލުން ވާދަކުރެއްވުމަށް ހިޔާލު ކުރަށްވާ ކަމަށާއި އެ ފުރުސަތު އެމްޑީޕީން ދެއްވައިފި ނަމަ އަލުން އެ މަގާމަށް ކުރިމަތި ލައްވާނެ ކަމަށެވެ.

އިނާޒު ޑީއާރްޕީން ވަކިކުރީ އެ ރަށުގައި ބަޔަކު ބަކަރިތަކަކާ އެކު ޖިންސީ ގުޅުން ހިންގި ވާހަކަ، ކައުންސިލްގެ ރައީސް މުހައްމަދު ވިޖާން އެހެން މެމްބަރުންނަށް އެންގުމަކާ ނުލައި މީޑިއާއާ ހިއްސާކޮށްފައިވާ މައްސަލާގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ރައީސް ކަމުގެ މަގާމުގައި ހުންނެވި ވިޖާން އެ މަގާމުން ދުރިކުރަން ވޯޓް ދިން މައްސަލަގަ އެވެ.

ޑީއާރްޕީން ބުނެފައިވާ ގޮތުގައި އިނާޒް ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާ އާއި ޑިސިޕްލިނަރީ ކޮމިޓީގެ ދެ ވަނަ މާއްދާގެ ހ. އާ ހިލާފްވެގެންނެވެ.