ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން އިސްކަންދަރު ސްކޫލަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

މިއަދު އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަކެތި އިސްކަންދަރު ސްކޫލަށް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމް އެވެ. އަދި އެތަކެއްޗާ ހަވާލުވެލެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.

އިސްކަންދަރުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ މިއީ އެ ސްކޫލަށް މީގެ ތިން މަސް ކުރިން ޕާކިސްތާން އެމްބަސީއަށް ހުށަހެޅި ޕްރޮޕޯސަލެއް ދަށުން ހަދިޔާ ކުރި ތަކެތި ކަމަށެވެ.

ޕާކިސްތާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެ ސްކޫލުގެ ހޯލުގައި ބެހެއްޓުމަށް ހަދިޔާ ކުރި 55 އިންޗީގެ 16 ޑިޖިޓަލް ޓީވީ ވޯލް ހިމެނެއެވެ. އަދި އޭގެ އިތުރުން ކްލާސްތަކުގައި ބޭނުންކުރުމަށް 58 އިންޗީގެ އަށް ޓީވީވެސް ވަނީ ހަދިޔާކޮށްފައެވެ.

ހަދިޔާ ކުރި އެހެން ތަކެތި

  • 100000 ޔޫއެސް ޑޮލަރުގެ އެންމެ ޒަމާނީ ސައުންޑް ސިސްޓަމެއް
  • 75،000 ރުފިޔާގެ 150 އެކްެކިއުޓިވް ޗެއާ
  • 50،000 ރުފިޔާގެ ކާޕެޓެއް
  • 3500 ޔޫއެސް ޑޮލަރުގެ ކޮމްޕިއުޓާ ސިސްޓަމެއް

އިސްކަންދަރުގެ ޕްރިންސިޕަލް ވިދާޅުވީ މިއަދު ހަދިޔާކުރި ޑިޖިޓަލް ޓީވީ ވޯލްއާއެކު ރާއްޖޭގެ ސްކޫލެއްގައި ޑިޖިޓަލް ވޯލް ބޭނުންކުރާ ފުރަތަމަ ސްކޫލަށް އެ ސްކޫލް ވެގެންދާނެ ކަމަށެވެ.